ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރިންގ ޕްރޮގްރާމް ނިމިއްޖެ

ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.ފޮޓޯ: ޕޮލިސް

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރިންގ ޕްރޮގްރާމް ނިމިއްޖެއެވެ.

މިކަަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ދަރިވަރުންނަކީ މިފަދަ ކަންކަން ދަސްކޮށް އޭގެ ބޭނުން އަމަލީގޮތުން ހިފާ ނަމޫނާ ބަޔަކަށްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ޓްރެފިކް މޮނީޓަރސް ޕްރޮގްރާމުން ދަސްވި ކަންކަން އެހެން ދަރިވަރުންނަށް ބުނެދީ މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި އެކަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ، ފުލުހުން ކުރަމުންދާ މަސައްކަތަށް ދަރިވަރުން އިސްނަގައިގެން ނުކުންނާތީ އެކަމަށްޓަކައިވަނީ ދަރިވަރުންނަށް ޝުކުރުއަދާކުރައްވަފައެވެ.
މީގެ އިތުރުން ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާންވަނީ އެއްގަމު އުޅަނދު ދުއްވުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައިވިޔަސް ދަރިވަރުންނަށް ނަމޫނާ ބަޔަކަށްވުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕޮލިސް

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރޯޑް ޕޮލިހާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރިންގ ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ހަމައެހެންމެ ޓްރެފިކް ބެލެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުންވެސް، ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމަށް މައުލޫމާތުދިނުމުގެ އިތުރުން ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތު ކުރުމުގެ ހުނަރުތައްވެސްވަނީ ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

ފެބްރުވަރީ 23 އިން މާރިޗް 2 އަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރިންގ ޕްރޮގްރާމްގައި 25 ދަރިވަރުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. 2014 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޓްރެފިކް މޮނިޓަރިންގ ޕްރޮގްރާމްގައި މާލެއިން 476 ދަރިވަރުންނާއި އަތޮޅު ތެރެއިން 999 ދަރިވަރުން ހިމެނޭހެން ޖުމްލަ 1475 ދަރިވަރުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *