ވަގުތަށް ކަމޭހިތުމަކީ ކާމިޔާބީއާއި ނާކާމިޔާބީގެ ދެމެދުގައިވާ ހަނިފަރުދާ: ޕްރިންސިޕަލް ރަހުމާ

ވަގުތަށް ކަމޭހިތުމަކީ ކާމިޔާބީއާއި ނާކާމިޔާބީގެ ދެމެދުގައިވާ ހަނި ފަރުދާކަން ހަނދާން ބަހައްޓަންޖެހޭ ކަމަށް ކަލާފާން ސްކޫލްގެ ޕްރިންސިޕަލް ރަހުމާ އަބްދުއްރަހުމާން ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ކަލާފާން ސްކޫލްގެ ފާއިތުވި ދެ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ރަހުމާ ވިދާޅުވީ ސްކޫލާއި ގޭތެރޭގެ މާހައުލުން ކުއްޖާއަށް ދިރިއުޅެން ދަސްކޮށްދެވެނީ ކިހާވަރަކަށްތޯ މިއަދު ވިސްނާލަންޖެހޭ ކަމަށެވެ. އަދި ކޮންމެ ދަރިވަރެއްގެ ޒިންމާ އެ ދަރިވަރަކަށް އަދާކުރެވެނީ ކިހާވަރަކަށްތޯ ވެސް ވިސްނާލަންޖެހޭ ކަމަށެވެ.

ކަލާފާނު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ވެސް ބައިވެރިވި ޖަލްސާގައި ޕްރިންސިޕަލް ރަހުމާ ވިދާޅުވީ ކާމިޔާބީގެ ސިއްރަކީ އިލްމާއި ޙިލްމެއް ނޫން ކަމަށާއި، މީހާ ކާމިޔާބު މީހަކަށް ވަނީ ރަނގަޅު އިލްމަކާއި ޙިލްމެއް ލިބި ރަނގަޅު އަޚުލާގުން ތަރުބިއްޔަތުވެ ޒިއްމާދާރު މީހަކަށް ވެގެން ކަމަށެވެ.

ދުނިޔޭގެ އަމަލީ މައިދާނުގައި ނުހަނު ގިނަ ގުނަ އިމްތިޙާންތައް ވާ ކަން ދަރިވަރުންނަށް ހަނދާން ކޮށްދެއްވައި، ޕްރިންސިޕަލް ވިދާޅުވީ މައިންބަފައިންނާއި މުދައްރިސުން އެ ކުރައްވާ ކަމަކީ ލިބިހުރި ތަޖުރިބާގެ އަލީގައި ކުދިން ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމެވެ.

"މިއީ ކަންކަން ދަސްކުރަންވީ ވަގުތު. ވަގުތުގެ އަގުވަޒަން ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ އަގުހުރި ވަޞީލަތަކީ ވަގުތު. އެންމެ މަދުން ލިބިފައިވާ ވަޞީލަތަކީ ވެސް ވަގުތު. ވަގުތުގެ އެންމެ ހިނދުކޮޅެއްގެ ސަބަބުން އަޅުގަނޑުމެންގެ ޙަޔާތް އެފުށުން މި ފުށަށް ޖެހިގެން ހިނގައިދާނެ. އެންމެ މިނިޓެއްގެ ލަސްވުމަކުން އެތައް މިލިއަނުގެ ގެއްލުމެއް ތަހައްމަލް ކުރަންޖެހިފައި ވަނީ ކިތައް މީހުންނަށް ތޯ" ވަގުތުގެ މުހިންމުކަން ރަހުމާ ދަރިވަރުންނަށް ބަޔާން ކޮށްދެއްވިއެވެ.

" ސިކުންތެއްގެ ތަފާތުން އޮލިމްޕިކްސް ކާމިބުވާ ފަދައިން އެންމެ ސިކުންތަކަށް ވެސް މަޑުނުކޮށް ވަގުތައް ކަމޭހިތަންޖެހޭ. ވަގުތަށް ކަމޭހިތުމަކީ ކާމިޔާބީއާއި ނާކާމިޔާބީގެ ދެމެދުގައިވާ ހަނި ފަރުދާކަން ހަނދާން ބަހައްޓަންޖެހޭ"

ރަހުމާ ވިދާޅުވީ، ޒިންމާދާރު ދަރިއަކަށް ވުމަށް ފޮތުން ދެވޭ ތައުލީމުގެ އިތުރުން ޅައިރުގައި ދެވޭތަރުބިއްޔަތާއި ހަރުދަނާ އާދަތައް އަށަގަންނުވަން ވެސް ޖެހޭ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *