ޖަމާޢަތުގެ ޚަބަރު އޮންލައިން ކޮށްފި

ޖަމާއަތުގެ ހަބަރު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.ފޮޓޯ؛ އެޑިއުކޭޝަން މިނިސްޓްރީ

"ޖަމާޢަތުގެ ޚަބަރުގެ އޮންލައިން" އިފްތިތާޙް ކޮށްފިއެވެ.  ޖަމާޢަތުގެ ހަބަރު އޮންލައިން،  އިފްތިތާހްކޮށްދެއްވީ އެކަމަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އައިޝަތު ޢަލީއެވެ.

މި ރަސްމިއްޔާތުގައި އެންއައިއީ ހިންގުމާ ޙަވާލުވެހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަބްދުﷲ ރަޝީދާއި އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިޔަރ މެނޭޖްމަންޓް ޓީމް މެމްބަރުންނާއި ޖަމާޢަތުގެ ޚަބަރުގެ ޝާއިޢު ކުރުމުގައި އިސްވެ އުޅުއްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ވެބްސައިޓް މެދުވެރިކޮށް ތަޢުލީމީ ދާއިރާގެ ޚަބަރާއި، ޢިލްމީ ދިރާސާތަކާއި، އަދި ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމުގެ މަޢުލޫމާތު ހިމެނޭ ރިޕޯޓްތަކާއި އެހެނިހެން ލިއުންތައް ފޯރުކޮށްދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ މައުލޫމާތު ދެއްވާފައެވެ.

ޖަމާއަތުގެ ހަބަރު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.ފޮޓޯ؛ އެޑިއުކޭޝަން މިނިސްޓްރީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއަކީ ޖަމާޢަތުގެ ޚަބަރު، ވީހާވެސް ގިނަ ބަޔަކާ ހަމަޔަށް ފޯރާނެމަގު ތަނަވަސްކުރެއްވުމުގެ ބޭނުންފުޅުގައި އެމަޖައްލާ އޮންލައިން ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ބާރުއަޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަނާ ވަނީ ކޮވިޑްގެ ވަބާގެ ސަބަބުން ރާއްޖެ ފުރަބަންދުގައި އޮތް ދުވަސްވަރުވެސް ޖަމާޢަތުގެ ޚަބަރު އޮންލައިން ކުރެވޭތޯ މަސައްކަތްތަކެއް ކުރައްވާފައެވެ. މިނިސްޓަރ ދެކެވަޑައިގެންނެވީ މި ޒަމާނަށް ބަލާއިރު މި މަޖައްލަ އޮންލައިން ކުރުމަކީ، ޖަމާއަތުގެ ޚަބަރުގެ މަޤްސަދު އެންމެ އެދެވޭ ގޮތުގައި ހިފިގެންދާނެކަމެކެވެ.

ޖަމާޢަތުގެ ޚަބަރަކީ 1978 ވަނަ އަހަރު ރާއްޖޭގައި ޝާއިއު ކުރަންފަށާފައިވާ އަދި ރާއްޖޭގައި މިހާތަނަށް އެންމެދިގު މުއްދަތެއްގައި ޝާއިޢު ކުރަމުން ގެންދެވިފައިވާ މަޖައްލާއެވެ. ހަމައެހެންމެ ރާއްޖޭގެ ހުރިހާ ރަށަކަށް ހިލޭ ފޯރުކޮށްދެމުން ގެންދިޔަ އެންމެ ދުވަސްވީ މަޖައްލާވެސްމެއެވެ. މިމަޖައްލާގެ ފުރަތަމަ މަސްއޫލުފަރާތަކީ އެޑިޔުކޭޝަން ޕްރޮޖެކްޓް އޮފީސްގެ ނަމުގައި ސަރުކާރުން 1976 ވަނަ އަހަރު އުފެއްދި އޮފީހެވެ. ފުރަތަމަ އެޑިޓަރަކީ އޭރު އެއޮފީހުގައި މަސައްކަތް ކުރެއްވި ރާޝިދާ ޔޫސުފް އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *