ލ. މާމެންދޫ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ޒިޔާރަތްކޮށްފި

ލ.މާމެންދޫ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ޒިޔާރަތްކޮށްފިއެވެ.  މިއީ އެޑިއުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓްގެ ފަރާތުން ސްކޫލް ހިންގުމާއި، އުނގެނުމާއި އުނގަންނައިދިނުމާއި އަދި އެހިނިހެން ދާއިރާތައް ވަޒަން ކުރުމަށްޓަކައި  މާމެންދޫ ސްކޫލަށް ކުރި ދަތުރެކެވެ.

ލ. މާމެންދޫ ސްކޫލްގެ ޕްރިންސިޕަލް، އަސްލަމް މުޚްތާރު ވިދާޅުވީ ސްކޫލަށް ކުރި ޒިޔާރާތުގެ ސަބަބުން އިންސާނީ ވަސީލަތްތަށް ހުރި މިންވަރާއި، ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި، ދަރިވަރުންގެ އުނގެނުމަށް އަދި މުދައްރިސުންގެ އުނގަންނައިދިނުމަށް ބޭނުންވާ އެހީތެރިކަން ދެނެގަނެވި ވަޒަން ކުރެވިފަައިވާކަމަށެވެ. ސްކޫލްގައި އިންސާނީ ވަޞީލަތްތައް އިތުރުކުރުމަށްޓަކައި މީހުން މަދުން ނުވަތަ ނެތް މަޤާމްތަކަށް މީހުން ހަމަކުރަންޖެހިފައިވާކަން ފާހަގަކުރައްވަމުން، ޕްރިންސިޕަލް ވިދާޅުވީ ކުޅިވަރު އެސިސްޓެންޓް އަދި މެޑިކަލް އެސިސްޓެންޓުންވެސް ސްކޫލަށް ބޭނުންވާކަމަށެވެ.

ސްކޫލްގެ ހިންގުމާ ޕްރިންސިޕަލް ހަވާލުވިތާ ކުޑަދުވަސްކޮޅެއް ވެފައިވީ ނަމަވެސް އިންފްރާންސްޓްރަކްޗަރގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ސްކޫލަށް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު އެއްގޮންޖެހުމަކީ ސްކޫލްގެ ހޯލްގެ އިމާރާތް ނެތުމެވެ. ލ. މާމެންދޫ ސްކޫލް ޕްރިންސިޕަލް، އަސްލަމް މުޚްތާރު ވިދާޅުވީ ވިއްސާރަވެއްޖެނަމަ ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް ދަތިވެ ކެންސަލްކުރަންޖެހޭ ކަމަށެވެ. ޔޫ.އެން.ޑީ.ޕީ ފަންޑުގެ އެހީއާއެކު ގްރީން ނެޓް ޖަހައިގެން އިމާރާތްކުރެވުނު 120 ފޫޓް 154 ފޫޓްގެ ހޯލްގެ ފުރާޅު ހަލާކުވެފައިހުރިކަންވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކްލާސްރޫމްގެ ޖާގައިގެ ދަތިކަމުގެ ވާހަކަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމާ ޙިއްސާކުރެއްވިއެވެ.

 

ލ. މާމެންދޫ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމުން ކުރި ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ލ. މާމެންދޫ ސްކޫލް

އެޑިއުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓްގެ ޓީމުން ލ. މާމެންދޫ ސްކޫލަށް ކުރި މި 4 ދުވަހުގެ ދަތުރުގައި ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާ މަޝްވަރާކުރެވި ޚިޔާލުތައް ޙިއްސާކުރެވުނެވެ.

މި އިންސްޕެކްޝަންތަކަށްފަހު ވަޒަންކުރެވުނު 5 ދާއިރާއަށް ބެލުމަށްފަހު ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ނެރުމަށް ހިތްވަރު ލިބޭނެ ގޮތަށް އަދި ދިރިއުޅުމަށް ފައްކާވެފައިވާ ދަރިންތަކެއް ބިނާކުރުމަށް މަންފާކުރަނިވި އެހީތަކެއް، މިކަމާ ގުޅޭ ގޮތުން ހަދާ ރިޕޯޓްގެ ރިވިއުއަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ފޯރުކޮށްދޭނެކަމަށް އުއްމީދުކުރައްވާކަމަށް ލ.މާމެންދޫ ސްކޫލް ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *