އެ ވީޑިއޯ ބަލާލި ކޮންމެ މީހަކަށް ވެސް އެއް ކަމެއް ފާހަގަ ވާނެއެވެ. ދިވެހި ސަޤާފަތުގެ މުއްސަނދިކަމެވެ. ކުޅުމުގެ ތެރެއިން އެކަން ކުރާނެ ގޮތެވެ. އެކަމަށް އެކުދިން ދެމުން ދިޔަ ސަމާލުކަމެވެ. ދެ މިނިޓާއި ހަތް ސިކުންތުގެ ލަވައެއް ނިމިގެން ދިޔައިރު، އައްޑޫސިޓީގައި ހުންނަ ހިރާ ސްކޫލްގެ ޕްރީ ސްކޫލްގެ ދަރިވަރުން ވަނީ ވަށައިޖެހޭ ގޮތެއްގައި އެ ލަވައިގެ ތެރެއިން ދިވެހި ސަޤާފަތް ވަރަށް އަސަރުކުރުވަނިވި ގޮތަކަށް ތަމްސީލުކޮށްފައެވެ.
"ކުދިންނޭ ކުޅުމުގެ ތެރެއިން ކާބަފައިންގެ ސަޤާފަތް ދަސްކޮށްލަން އުޅެމާ" މި ލަވައިން ފުރަތަމަވެސް ދައްކުވައިދީފައިމިވަނީ އިހުގެ ދިވަހުން ކައްކާ އުޅުނުގޮތެވެ. ކުރު "ރޯލް ޕްލޭ" އެއްގޮތަށް ގެނެސްދީފައިވާ މި ލަވައިން، ދަރިވަރުން ވަނީ އޭރުގައި ކައްކަން ގެންގުޅުނު ސާމާނާއި އެ ސާމާނުގެ ނަންތައް ވެސް ދަސްކޮށްފައެވެ. އުނދުޅިހަދަން ފަތާއި އިލޮށި އަމުނައިގެން ދަސްކުރިއިރު، ތާހާއި ތެއްޔަށް ބޭނުންކުރީ ނާއްޓެވެ. އުނދުނުގައި ގިނި ހެޔޮވަރުކުރީ ގަލާއި ކުދި ފަތްތައް ބޭނުން ކޮށްގެންނެވެ. މި ހުރިހާ ކަމެއް ޢަމަލުން އެ ކުދިން ދެއްކިިއރު، ފެނިގެންދިޔައީ ޝައުޤާއި ހިނިތުންވުމެވެ.
ކާބަފައިން ކޮށް އުޅުނު ބައެއް މަސއްކަތްތައް ވެސް މި ލަވައިގެ ތެރެއިން ގެނެސްދިންއިރު، ރާ ކެއްކުމާއި ހަކުރު ހިލުމާއި މަސް ކައްކާ ހިއްކުމަކީ ދަރިވަރުންނަށް ދަސްވެގެންދިޔަ ކަންތައްތަކެވެ. ދޮލަނގުގައި ބަނބުކެޔޮ ފަތިކޮށް ހިއްކާ، ކާށި ގާނާ އެދުރު ދައިތަ އިން ކިޔަވައިދޭ މަންޒަރުތައް ވަނީ ގެނެސްދީފައެވެ.
ކުރީ ޒަމާނުގައި ކާބަފައިން ކުޅެއުޅުނު ކުޅިވަރުތަކަކީ ވެސް ސަޤަފަތުގެ މުހިންމު ބައެކެވެ. ކުޅުމުގެ ތެރެއިން އެ ކުޅިވަރުތަކާއި އެޅިވަރުތަކަށް ކިޔާ ނަންތައް ވެސް އެ ދަރިވަރުން ވަނީ މި ލަވައިގެ ތެރެއިން ގެނެސްދީފައެވެ.
advertisment
ހިޔާލު