އއ. މާޅޮހު ސްކޫލްގައި ހުޅުވި "އައުޓްޑޯ ލައިބްރަރީ" އާއެކު ސްކޫލްތަކުގެ ލައިބްރަރީގެ ވައްޓަފާޅި ބަދަލުކޮށްލައިފިއެވެ.
އާންމު ގޮތެއްގައި ސްކޫލްތަކުގައި ލައިބްރަރީ ހިންގަމުން ގެންދަނީ އޭސީކޮށްފައި ހުންނަ ކޮޓަރިއެއްފަދަ ތަނެއްގައެވެ. އެކަމަކު މާޅޮހު ސްކޫލުން މި ގެނައީ އިންގިލާބީ ބަދަލެކެވެ.
މާޅޮހު ސްކޫލްގައި ހުޅުވި މި ލައިބްރަރީ އިމާރާތްކޮށްފައި މި ވަނީ ސްކޫލުގެ ގޯތިތެރޭގައެވެ. މަރިޔާދުގެ ތަކުގެ ފަރުމާއަށް ޑިޒައިން ކޮށްފައިވާ މި ލައިބްރަރީގައި ދަރިވަރުން ޝައިޤުވެރިވާނެ އަދި ހިތްފަސޭހަކަމާއެކީ ފޮތްކިޔާލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ދިވެހިވަންތަ، މި "އައުޓްޑޯރ ލައިބްރަރީ" ގައި ވަނީ އުނދޯއްޔާއި ޖޯލިފައްޗާއި ލަކުޑި ބެންޗާއި އަށި ފަދަ ތަކެތިން މުއްސަނދިކޮށްފައެވެ. ފޮތްތައް ބަހައްޓާފައި ހުރީ ފަސޭހައިން ބޭނުންކުރެވޭ ގޮތަށް އެކިދިމާލުގައެވެ.
މާޅޮހު ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ޝިމާނާ ވިދާޅުވީ، ވަކި އިމާރާތެއްގެ ގޮތުގައި ލައިބްރަރީގެ އިމާރާތެއް އެޅުމުގައި އިސްނެގީ އެ ސްކޫލްގެ ސްޓާފުންނެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ބެލެނިވެރިން ވެސް ބައިވެރިވިއެވެ.
" ލައިބްރަރީއެއް ނެތުމުގެ ދަތިކަން އަޅުގަނޑުމެންނަށް އަބަދުވެސް ކުރިމަތިވޭ. އެކަން ހައްލުކުރަމުން އައީ ކުލާސްރޫމްތަކުގައި " ރީޑިންގ ކޯނަރތައް" ހަދައިގެން. ސްކޫލްގައިވެސް ޖާގައިގެ ދަތިކަން އޮތް ނަމަވެސް އެ ސްކޫލްގެ ގޯތި ތެރޭގައި ޖާގަ އޮތީމާ އިމާރާތަކާމެދު ވިސްނީ" ޝިމާނާ ވިދާޅުވިއެވެ.
ދެ ފަންގިފިލާއަށް ހަދާފައިވާ މި ލައިބްރަރީގެ ތިރީބައި ޚާއްޞަކޮށްފައި ވަނީ އެ ސްކޫލްގެ ދަރިވަރުންނަށެވެ. މަތީގައިބައި ޚާއްޞަކޮށްފައި ވަނީ ސްޓާފުންނެވެ.
" ލައިބްރަރީގެ މަތީގައި އަދި ނުނިމޭ، އެތަން ނިމުމުން ސްޓާފުންނަށް ސައިޔާއި ކޮފީވެސް ލިބެން ހުންނާނެ" ސިމާނާ ވިދާޅުވިއެވެ.
ރަށުގެ އަތިރިމައްޗަށްވާ ގޮތަށް ގުދުރަތީ މާހައުލުގެ ތެރޭގައި ފޮތް ކިޔަން ބޭނުންވާ ކޮންމެ ކުއްޖަކަށް ވެސް މިއީ މުހިންމު ލައިބްރަރީއެކެވެ.
ސަތޭކައެންހާ ދަރިވަރުން ކިޔަވަމުންދާ މާޅޮހު ސްކޫލްގެ ޕްރިންސިޕަލް ސިމާނާ ވިދާޅުވީ ލައިބްރަރީއަށް އިތުރު ފޮތްތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
" އެންމެ ހިތްހަމަޖެހެނީ ލައިބްރަރީގެ ބޭނުން ދަރިވަރުން ހިފަމުންދާތީ. ސްކޫލްގަޑީގެ އިތުރުން އިތުރުގަޑިތަކުގައި ވެސް ލައިބްރަރީގެ ބޭނުން ދަރިވަރުން އެބަ ހިފާ"
advertisment
ހިޔާލު