ޔޫކްރެއިނުން ރާއްޖެ އައިސްފައިވާ ދިވެހި ދަރިވަރުންނާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި

ޔޫކްރެއިނުން ރާއްޖެ އައިސްފައިވާ ދިވެހި ދަރިވަރުންނާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ބައްދަލުކުރެއްވުން؛- ފޮޓޯ// ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ

ޔޫކްރެއިންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން، ރާއްޖެ އައިސްފައިވާ ދިވެހި ދަރިވަރުންނާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ހަސަން  ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެ މިނިސްޓްރީން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށާއި، މިފަދަ ހާލަތެއްގައި ކޮންމެ ދަރިވަރަކުވެސް، އެދަރިވަރުންގެ ކިޔެވުން ދެން، ކުރިއަށް ގެންދެވިދާނެގޮތާއި ދޭތެރޭ ޔުނިވަރސިޓީއާ ވާހާކަ ދައްކަމުންގެންދިޔުމަކީ މުހިއްމުކަމެއް ކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، މިނިސްޓަރ ވަނީ ދަރިވަރުންގެ ކިޔެވުން މިހާތަނަށް ކުރިއަށް ދިޔަގޮތްވެސް އޮޅުން ފިލުވާލައްވާފައެވެ.

ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ޔޫކްރެއިންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން، ދިވެހި ދަރިވަރުން ރާއްޖެގެނައުމުގައި، ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރު ވުޒާރާތަކުން ވެދެއްވި އެހީތެރިކަމަށް، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޝުކުރުއަދާކުރައްވާފައެވެ. މި މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށިއިރު އެ ގައުމުގައި 51 ދަރިވަރުން ތިބިއިރު، އޭގެ ތެރެއިން 30 ދަރިވަރުން ވަނީ ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ އައިސްފައެވެ.  ބާކީ ތިބި 21 ދަރިވަރުންގެ ތެރެއިން 15 ދަރިވަރުން  ހޯމަ ދުވަހު ރާއްޖެ ވަނީ އައިސްފައެވެ. އަދި ބާކީ ތިބި 6 ދަރިވަރުންނާއި އާއިލާ އައްޔެ ވަނީ ރާއްޖެ އައިސްފައެވެ. އެފަރާތްތަކާ ވެސް މިނިސްޓަރ ބައްދަލުކުރައްވަން ވަނީ ނިންމަވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *