ނާޒިރުން ތަމްރީނު ކުރަން ފެށި ޕްރޮގްރާމް ނިމުމާއެކު، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް ހިންގަން ތިބޭނީ ދިވެހި ނާޒިރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ނާޒިރުން ތަމްރީނު ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައި، އެ ފްރޮގްރާމުގެ ފުރަތަމަ ބުރުގައި ތަމްރީނުވާ ވިހި ފަރާތަކަށް ރޭ ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ.
ސަރުކާރުގެ ސްކޫލްތައް ހިންގަން ބޭނުންވާ ޕްރިންސިޕަލުން ހޯދަން ދަތިވެފައިވާއިރު، ނިޒާމީ ގޮތެއްގައި ރޭވިގެން ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ މަސައްކަތް މީގެ ކުރިން ކުރިއަށް ނުގެންދާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ރާއްޖޭގައި 216 ސްކޫލް ހިންގަމުން ގެންދާ ކަމަށެވެ. މި ސްކޫލްތަކުގެ ތެރެއިން 53 ސްކޫލްގައި ދާއިމީ ޕްރިންސިޕަލުން ނެތެވެ. ބިދޭސީ ނާޒިރުންނާއެކު 163 ދާއިމީ ނާޒިރުން ސްކޫލްތަކުގައި މިވަގުތު މަސައްކަތް ކުރަމުން ގެންދެއެވެ. އޭގެ ތެރެއިން ތަމްރީނު ލިބިވަޑައިގެން ތިއްބެވި ނާޒިރުންގެ އަދަދަކީ އެންމެ 75 އެވެ.
އަލަށް ފެށި ޕްރޮގްރާމުގެ ދަށުން ސްކޮލަރޝިޕް ލިބުނު ފަރާތްތަކުން މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯސް އެއް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރާނެއެވެ. އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޕްރިންސިޕަލުންގެ ގޮތުގައި، މި ސޮލަރޝިލް ލިބުނު ފަރާތްތައް މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ސްކޮލަރޝިޕްގެ އިނާޔަތެއްގެ ގޮތުގައި ކިޔެވުމުގެ ޚަރަދާއި، މުސާރައާ އެއްވަރުގެ އެލަވަންސަކާއި ދެކޮޅު ޓިކެޓް ދޭން ވަނީ ނިންމާފައެވެ. މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ފަރާތްތަކާއެކު ވަކި މުއްދަތަކަށް، ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ޚިދުމަތްކުރުމަށް ބޮންޑު ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު