ވިހި ފުރުސަތާއެކު "ޕްރިންސިޕަލުންގެ ސްކޮލަރޝިޕް" ޕްރޮގްރާމް ފަށައިފި

ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ވިހި ފުރުސަތާއެކު " ޕްރިންސިޕަލުންގެ ސްކޮލަރޝިޕް" ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ސްކަލަރޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިސްކަންދަރު ސްކޫލްގައި މި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

" ޕްރިންސިޕަލުންގެ ސްކޮލަރޝިޕް" ޕްރޮގްރާމަކީ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ޚަރަދެއް ކުރާ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެތެރޭގައި ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރާނެ ކަމަށެވެ.

ސްކޮލަރޝިޕް ލިބުނު ފަރާތްތަކުން މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯސް އެއް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރާނެއެވެ.  އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޕްރިންސިޕަލުންގެ ގޮތުގައި، މި ސޮލަރޝިލް ލިބުނު ފަރާތްތައް މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސްކޮލަރޝިޕްގެ އިނާޔަތެއްގެ ގޮތުގައި ކިޔެވުމުގެ ޚަރަދާއި، މުސާރައާ އެއްވަރުގެ އެލަވަންސަކާއި ދެކޮޅު ޓިކެޓް ދޭން ވަނީ ނިންމާފައެވެ. މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ފަރާތްތަކާއެކު ވަކި މުއްދަތަކަށް، ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެއެވެ.

އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން އިން ހުޅުވާލި މި ސްކޮލަރޝިޕަށް ހޮވި ފަރާތްތަކުގެ ޝަރުޠެއްކަމަށް ބުނެފައި ވަނީ ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތަޢުލީމީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި، ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ކުރިން ކިޔެވުމަށް ލޯނެއް ނަގާވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދުން ދައްކަމުންގެންދާ ފަރާތެއް ކަމުގައިވުމާއި ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުންވެސް މި ސްކޮލަރޝިޕުގެ ޝަރުޠުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ކްރައިޓީރިއާ އާ އެއްގޮތަށް މާކްސް ދިނުމުގައި ބަލަނީ، މަސައްކަތުގެ ތަޖުރިބާއަށް 30 އިންސައްތަ، ޕްރެޒެންޓޭޝަނަށް 30 އިންސައްތަ، އިންޓަރވިއުއަށް 40 އިންސައްތައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުން ހިންގާ 216 ސްކޫލު ރާއްޖޭގެ އެކި ސަރަހައްދުގައި ހުރިއިރު، އެ ހުރިހާ ސްކޫލެއްގައި ތަމްރީނުވެފައިވާ ޕްރިންސިޕަލުން ހަމަވެފައި ނުވާ ކަމަށެވެ. މި ވަގުތު ރާއްޖޭގައި ދާއިމީ ޕްރިންސިޕަލެއް ނެތް 53 ސްކޫލެއް ހުރިއިރު، ދާއިމީ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިވަޑައިގެންފައި ތިއްބެވީ 75 ބޭފުޅުން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *