އެސެސްމެންޓާއި ޕޯރޓްފޯލިއޯ އަށް މުދައްރިސުން އަހުލުވެރި ކުރުމުގެ މަޤުޞަދުގައި ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ ޏ. ފުވައްމުލަކު، ފުވައްމުލަކު ސްކޫލާއި، ޙާފިޒް އަޙްމަދު ސްކޫލާއި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ޚާއްޞަ އެދިލެއްވުމަކަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ)އިން ފެސިލިޓޭޓްކޮށް ކުރިޔަށް ގެންދާ މަސައްކަތު ބައްދަލު ވުމެއްކަމަށް އެން.އައި.އީން ބުނެފައިވެއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ސެމިނަރ ރޫމުގައި ކުރިޔަށްދާ މިމަސައްކަތު ބައްދަލުވުމުގައި ޏ. ފުވައްމުލަކު، ފުވައްމުލަކު ސްކޫލާއި، ހޭޒް އެމްޖޭ އެސް ގެ 18 ޓީޗަރުންގެ އިތުރުން މާލޭ ކޮއްކޮމެން ޕްރީސްކޫލުން 13 ޓީޗަރުންނާއެކު ޖުމުލަ 31 ޓީޗަރުން މިމަސައްކަތު ބައްދަލުވުމުގައި، ބައިވެރިވެ މަސައްކަތް ފުރިހަމަ ކުރައްވާނެއެވެ.

މި މަސައްކަތު ބައްދަލުވުމުން މުދައްރިސުން ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް އެސެސްމެންޓް ދެވޭނެ ތަފާތު ގޮތްތަށް އެނގި ދަސްވެގެންދާނެކަމަށްވެސް އެން.އައި.އީ އިން ބުނެފައިވެއެވެ. އަދި ޕޯޓްފޯލިއޯ އެއް އެކުލަވާލުމުގެ މުހިއްމުކަން ހާމަކުރަމުން ބުނެފައިވަނީ މިއީ ޕްރީ ސްކޫލްގައި ކުދިން ކުރާ މަސައްކަތް އެކައްޗަކުން ފެންނާނެ ފައިލެއްކަމުގައެވެ.
އެކި ފަންތީގެ ކުދިން ތިބޭއިރު ޕޯޓްފޯލިއޯއިން މަސައްކަތް ކުރިއަށްގެންދާނެ ގޮތްތަށް ރާވާލަން މުދައްރިސުންނަށް ފަސޭހަވެގެންދާނެއެވެ. މިއީ ކުދިން ތަރައްޤީ ވަމުންދާ މިންވަރު ބެލުމަށާއި ކިޔެވައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކަށް ލޯ ހުޅުވިގެންދާނެ މަސައްކަތު ބައްދަލުވުމެއްކަމަށްވެސް އެން.އައި.އީ އިން ބުނެފައިވެއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ތަޖުރިބާކާރު ފަންނީ ބޭފުޅުން ޝެސަންތައް ނަންގަވައިދެއްވުމަށް ހަމަޖެހިފައިވާ މިމަސައްކަތު ބައްދަލުވުމުގައި ކ.ވިލިމާލެ މުޙްޔިއްދީން ސްކޫލާއި، ހުޅުމާލެ ލިޓިލް ޖެމްސް ޕްރީ ސްކޫލަށް ޒިޔާރަތް ކޮށް ޢަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.
މިއަދު ފެށިގެންދިޔަ މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ރޭވިފައިވަނީ މާދަމާގެ ނިޔަލަށެވެ.
advertisment
ހިޔާލު