ބ.ދޮންފަނު ސްކޫލް ހިންގުމާއި އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން އެރަށު ކައުންސިލުން، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދުއަށް މަޝްވަރާކުރައްވައިފިއެވެ.
އެރަށު ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު ވިދާޅުވީ، މި ބައްދަލުވުމުގައި ސްކޫލްއަށް ދިމާވެފައިހުރި ދަތިތަކާއި ގޮންޖެހުންތައް މިނިސްޓްރީއާއި ހިއްސާކޮށްފައިވާނެކަމަށެވެ. އެ ގޮތުން ސްކޫލްގެ ޖާގައިގެ ދަތިކަމާއި، އިދާރީ ގޮތުން ދިމާވާ ދަތިތައްވެސްވަނީ ހިއްސާކޮށްފައެވެ.
ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު ވިދާޅުވި ގޮތުގައި، ދޮންފަނު ސްކޫލްގެ 8 ކުލާސްރޫމް ހުރި އިރު، މި ކްލާސްރޫމްތަކަކީ ޕާޓިޝަންއެއް ނެތް ހާމައަށް ހުރި ކްލާސް ރޫމްތަކެކެވެ. މިކަމުގެ ސަބަބުން ދަރިވަރުން ކިޔަވާ ވަގުތު މަގުމަތީގެ އަޑު ގަދަވުމާއި ހިރަފުހުގެ އަސަރު ކްލާސްތަކަށް ވަރަށް ބޮޑަށް ކުރާކަން ކައުންސިލްގެ ރައީސްވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުންވެސް، އިދާރީ މުވައްޒަފުން ތިބޭނެ ޖާގައާއި، ސްކޫލްގައި ލައިބްރަރީއެއް ނެތްކަން އެ ކައުންސިލުން ފާހަގަކުރިއެވެ..
ބ.ދޮންފަނު ކައުންސިލުން ހިއްސާކުރެއްވި، އެ ރަށު ސްކޫލަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދަދެއްވާނެކަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ދޮންފަނު ސްކޫލަކީ، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. މި ވަގުތު މި ސްކޫލްގައި 94 ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.
advertisment
ހިޔާލު