"ދިވެހި ބަހުން ވާހަކަނުދައްކާނަމަ ބަސް ނެތިދާނެކަމުގެ ބިރު ދިވެހިބަހަށް އެބައޮތް"

ސްމިއްޔާތުގަި މިނިސްޓަރ ޔުމްނާ މައުމޫން ވާހަކަފުޅުދައްކަވަނީ

އެބަހަކުން ވާހަކަ ދައްކާ ބަޔަކު ނޫޅޭނަމަ އެބަހެއް ނެތިގެން ގޮސްދާނެކަމުގެ ބިރު ދިވެހިބަހަށް ކުރިމަތިވެފައިވާކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ބަހުގެ އެކަޑެމީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފެކަލްޓީ އޮފް އާޓްސްގެ ގޮފި، ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާޓްސްއާ (ސިއާ) އާއި ގުޅިގެން ބައިނަލްޢަޤްވާމީ މާދަރީބަހުގެ ދުވަހާގުޅޭ ރަސްމީ ޖަލްސާގައި ރޭ ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލްތަކާއި މީޑިޔާއަކީވެސް ބަހަށް ކުދިން ޝައުޤުވެރިކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. އަދި ބަހާމެދު މީހުން ދެކޭގޮތް ބަދަލުކޮށް ބަހަށް އަހުލުވެރިކުރުމަށާއި ދިވެހިބަހަކީ ޓެކްނޮލަޖީއާ ރައްޓެހި ބަހަކަށް ހެދުމަށް މަސައްކަތްކުރުމަށްވަނީ އެދިވަޑައިގެންފައެވެ. މިނިސްޓަރ ވަނީ ޔުނިވަރސިޓީ ދަރިވަރުންނަށް ދިރާސާތައް ކުރުމަށްވެސް ހިތްވަރު ދެއްވާފައެވެ.

މި ޖަލްސާގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް، ޑރ. އަޝްރަފް އަބްދުއް ރަޙީމް ދެއްކެވި ވާހަކަފުޅުގައި މާދަރީބަހަށްޓަކައި މަސައްކަތްތައްކުރެވެމުންދާ ކަމުގައިވިޔަސް އަދި އިތުރަށް ކުރަންޖެހިފައިވާ މަސައްކަތްތައް ވަރަށް ގިނަ ކަމަށް ވިދާޅުވިއެވެ.

 

ދިވެހިބަހުގެ އެކަޑަމީގެ ރައީސް، ޑރ. އަޝްރަފް އަބްދުއް ރަޙީމް ވާހަކަދައްކަވަނީ، ފޮޓޯ:ދިވެހިބަހުގެ އެކަޑަމީ

ފެކަލްޓީ އޮފް އާޓްސްގެ ދާރިސް، އަޙްމަދު އަންވަރު އިބްރާހީމްގެ ވާހަކައިގައި މިއަދު ތުއްތު ކުދިންގެ މާދަރީ ބަހަކީ ކޮބައިތޯއާއި މިއީ ސާރވޭއެއް ކޮށްގެން ނަމަވެސް ޖަވާބު ހޯދަންޖެހިފައިވާ ސުވާލެއްކަމަށް ވިދާޅުވިއެވެ. މާދަރީ ބަހަށް އިސްކަންދިނުމަށްފަހު އެބަހާއެކު އެހެން ބަސްތައް ދަސްކުރެވިގެންދާނެ ކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

 

ޖަލްސާގެ ތެރެއިން ފެކަލްޓީ އޮފް އާޓްސްގެ ދާރިސް، އަޙްމަދު އަންވަރު އިބްރާހީމް ވާހަކަދައްކަވަނީ، ފޮޓޯ:ދިވެހިބަހުގެ އެކަޑަމީ

އެންމެ ގިނައިން މިއަދު އިވެމުންދާ ޝަކުވާއެއްކަމުގައި ދާރިސް ފާހަގަކުރައްވާފައިވަނީ ބޮޑެތިމީހުންނާ މުސްކުޅިންނަށް ކުރާ އިޙްތިރާމް ކުޑަ ވާހަކައެވެ. ސަބަބަކީ ދިވެހި ބަހަކީ ކަޓު ބަހެއްކަމުގައި ގިނަ ޒުވާން ކުދިން ދެކޭތީއެވެ. މިހެންވުމުން މުޖްތަމަޢުގައި އޮންނަ ގުޅުމާއި ބަދަހިކަން ހީނަރުވެގެންދާކަމަށް އަންވަރު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ޤައުމީ ޔުނިވަރސިޓީގެ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯގެ މީޑިޔާ ކޯޑިނޭޓަރު، އިސްމާޢީލް ރަޒީން އިބްރާހީމް ވަނީ ކިޔަވާ ދަރިވަރުންނަށް ހުރި ގޮންޖެހުންތަށް ޙިއްސާކުރައްވާފައެވެ. މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރަޒީން ފާހަގަކުރައްވާފައިވަނީ ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނިކޮށްގެން ވާހަކަދެއްކުމެވެ. މިއަދުގެ ތުއްތު ކުދިން ބޮޑުވެގެން އަންނައިރު މާދަރީބަސް އޮންނާނެ ޙާލަތާމެދު ކަންބޮޑުވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ޔުނެސްކޯއިން ފާހަގަކޮށްފައިވާ،  އުވިގެން ނެތިދިޔުމުގެ ބިރު ހީވާ 78 ބަސްތަކުގެ ތެރޭގައި ދިވެހިބަސް އޮތުމަކީ ވަރަށް ބޮޑު ހިތާމައެއްކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރަޒީން ވަނީ ތަޢްލީމީ ނިޒާމްގެ ތެރެއިންވެސް ދިވެހބަހަށް ހުރަސްތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ސްކޫލްތަކުގައި ދިވެހި ގަޑީގައިވެސް ވާހަކަދެއްކެނީ އިނގިރޭސި ބަހާއި ދިވެހިބަސް މަސްހުނިކޮށްގެންކަމަށާއ އެއީ ފޮތުގައި ހަމައެކަނި އޮންނަ އެއްޗެއް ކިޔަވައިދެވިގެންދާ ގަޑިއަކަށްވެގެންދާކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

 

ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯގެ މީޑިޔާ ކޯޑިނޭޓަރު، އަލްފާޟިލް އިސްމާޢީލް ރަޒީން އިބްރާހީމް ވާހަކަދައްކަވަނީ، ފޮޓޯ:ދިވެހިބަހުގެ އެކަޑަމީ

އަދި ދިވެހިބަހަށް ލޯބިޖެއްސުމަށްޓަކައި ކުރެވެމުން އައި މަސައްކަތްތައް ކުރިއަށްގެންދިޔުމަކީ މުހިއްމު ކަމެއްކަމަށާއި ކިޔަވަމުންދާ ކުދިންނަށް ދިމާވާ އެންމެ ބޮޑު އެއްދައްޗަކީ، އިނގިރޭސި ލަފްޒުތަކުގެ ދިވެހި ލަފްޒު ހޯދުންކަމަށް ވިދާޅުވިއެވެ. ގޫގުލް ޓްރާންސްލޭޓަރ ހުރި ކަމުގައިވިޔަސް އޭގައި ކުށްހުރިކަން ފާހަގަކުރައްވާ މިކަމަށް ހައްލެއް ހޯދުމަށްޓަކައި ރަނގަޅު އެޕްލިކޭޝަނެއް އުފައްދަންޖެހިފައިވާކަމށްވެސް ވިދާޅުވިއެވެ.  އަދި އެފަދަ އެޕްލިކޭޝަނެއް އުފެދިފައިވާނަމަ ކުދިންނާ ހަމައަށް ގެނެސްދިނުމަށްވެސް ރަޒީން ވަނީ ރޭގެ ޖަލްސާގައި އެދިވަޑައިގެންފައެވެ.

މި ޖަލްސާގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ވަނީ ރައިވަރާއި ބަނދިވެސް ހުށަހަޅައިދީފައެވެ. އަދި ޅެންވެރިންގެ ޅެން ބަހުސެއްވެސް ވަނީ ޖަލްސާގައި ކުރިއަށްގެންގޮސްފައެވެ. ޖަލްސާގައި ޔުނިވަރިސޓީގެ ޗާންސެލަރ އަދި ވައިސް ޗާންސެލަރާއި ދަރިވަރުންގެ އިތުރުން ދަޢުވަތު އެރުވިގެން ވަޑައިގެން ބޭފުޅުން ވަނީ ބައިވެރިވެފައެވެ. ޖަލްސާ ނިންމާލާފައިވަނީ ޤައުމީ ސަލާމުންނެވެ.

ޖަލްސާގެ ތެރެއިން ޅެންވެރިންގެ ޅެން ބަހުސް، ފޮޓޯ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ކޮންމެ އަހަރެއްގެ ފެބްރުއަރީ 21 ފާހަގަކުރެވިގެންދަނީ ބައިނަލްޢަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައެވެ.  މި އަހަރު ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ " ގިނަ ބައްސަ އުނގެނުމުގައި ފަންނިއްޔާތު ބޭނުންކުރުން: ތަހައްދީތަކާއި ފުރުޞަތުތައް."މި ޝިޢާރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *