އަހުމަދިއްޔާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދެއްވައިފިއެވެ.
އަހުމަދިއްޔާ ސްކޫލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ސްކޫލްގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކުރައްވައި، ރައީސް ސޯލިހު ވިދާޅުވީ ޖާގައިގެ ދަތިކަމާހުރެ، ދަރިވަރުން އިތުރު ޙަރަކާތެއް ބާއްވާނެ ބިންކޮޅެއް އެ ސްކޫލަކު ނެތް ކަމަށާއި، ތުއްތުކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއްވެސް ނެތް ކަމަށެވެ. ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދަން ސަރުކާރަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަށީގެންވާ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
" އަޅުގަނޑު ދަންނަވާނީ، ކޮންމެ ދިގު އިންތިޒާރެއްގެ ފަހަތުގައި ފޮނި ނިމުމެއްވާނެ ކަމަށް. އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް އަޅުގަނޑުމެން މިއަންނަނީ މަސައްކަތް ކުރަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އިންތިޒާރަށް މާގިނަ ދުވަސްތަކެއްނުވެ ޢަމަލީ ސިފަ އަންނާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިރޭ އަރުވަން" ރައީސް ސޯލިހު މިރޭ ވިދާޅުވިއެވެ.
އަހުމަދިއްޔާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގައި ސްކޫލެއް އަޅަން ބިމެއް ހަމަޖައްސައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެ ސްކޫލުން ވަނީ މީގެ ދުވަސްތަކެއް ކުރިން އެދިފައެވެ.
ރައީސް ސޯލިހު ވިދާޅުވީ، މިދިޔަ 40 އަހަރުގެ ތެރޭގައި ތަޢުލީމީ ރޮނގުން މި ސްކޫލްގެ ދަރިވަރުން ހޯދާފައިވަނީ، ރެކޯޑެއްގެ ގޮތުގައި ފާހަގަކުރެވޭ ރަން ވަނަތަކެއް ކަމަށާއި، ސްކޫލް ފެންވަރުގައި ވާދަކުރި އިތުރު ޙަރަކާތްތަކުގައިވެސް، މި ސްކޫލްގެ ނަން ފެވެމުން އަންނަނީ ރަން ވަނަތަކަކުން ކަމަށެވެ.
އަހުމަދިއްޔާ ސްކޫލްގެ ކާމިޔާބަށް ބަލާއިރު، ފާހަގަކުރެވޭ އެންމެ ބޮޑު ކާމިޔާބަކީ، ޤައުމަށް ބޭނުންތެރި ދަރިންތަކެއް، އެ ސްކޫލުން ބިނާކޮށްދީފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އޭގެ ފަހަތުގައި އެކުދިން ބިނާކުރުމުގައި އިސްވެ ޙަރަކާތްތެރިވި ގިނަ ބޭފުޅުން، މިރޭ އެ ޖަލްސާއޮމް ފެންނަން އެބަ ތިއްބެވި ކަމަށެވެ.
" އަޙްމަދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލުކުރި ދަރިވަރުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައިވެސް، އަދި ސަރުކާރުގެ އެހެން މަތީ މަޤާމުތަކުގައިވެސް މިހާރު ޢަމަލީ މަސައްކަތުގައި އެބަ ތިއްބެވި. މިއިންނެވި މިނިސްޓަރު އަޙްމަދު މަޚްލޫފަކީވެސް އޭގެތެރެއިން އެއް ބޭފުޅެއް. އެ ނޫނަސް، ފަންނީ އަދި ހުނަރުވެރި ތަފާތު ދާއިރާތަކުން ޤައުމަށް ޚިދުމަތް ކުރައްވާ ވަރަށް ގިނަ ބޭފުޅުންތަކެއް، މި ސްކޫލްގެ ހިޔާވަހިކަމުގެ ދަށުން ބިނާކޮށްދީފައި އެބަ ތިއްބެވި" ރައީސް ވިދާޅުވިއެވެ.
" އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، މީގެ ތިން އަހަރު ކުރިން ނުކުމެގެންވެސް، އެންމެ ބޮޑު އިސްކަމެއްދީގެން މިކުރާ އެއްކަމަކީ މީހުން ބިނާކުރުން. އޭގެ ތެރެއިންވެސް އެންމެ ޚާއްޞަ ސަމާލުކަމެއް މިދެނީ، ތަޢުލީމީ ގޮތުން ހަރުދަނާ ދަރިންތަކެއް ބިނާކުރުމަށް. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނީ، ހަމަ މިދެންނެވި ބޭނުމުގައި"
ރައީސް ވިދާޅުވީ، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެބަ ހިނގާ ކަމަށާއި، އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ފުރިހަމަވާއިރު، ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ.
" ފަސް ސަރަޙައްދުގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލްތައް. އެ ތަންތަނުން ވަރަށް ގިނަ ފަންނީ ވަޒީފާތައް އުފެދޭނެ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި، މެކޭނިކުން، އަދި އެނޫންވެސް ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ. އެއީ ޢާއިލާއާއި މައިންބަފައިން ކައިރީގައި، ރަށުގައި ތިބެގެން އަދާކުރެވޭނެ ވަޒީފާތައް. އެ ވަޒީފާތައް އަދާކުރާނެ ދިވެހިން އަޅުގަނޑުމެން ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.
" ރަށްރަށުގައި ހިންގާ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުތައްވެސް ކުރިއަށް އެބަދޭ. ރަށްރަށުގައި ޤާއިމުކުރާ ފެން އުފައްދާ ޕްލާންޓްތައްވިޔަސް، މިހިރީ ހައްތަހާވެސް ފަންނީ ވަޒީފާތައް އުފެދޭނެ ކަންތައްތައް. މި ތަންތަނަށް އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ދަރިން. އެފަދަ ދަރިން އުފެއްދޭނީ، ރަނގަޅު ތަޢުލީމުދީ، ރަނގަޅަށް ކިޔަވައިދީގެން"
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.
advertisment
ހިޔާލު