އިސްދަރިވަރުންގެ ފަރާތުން ހުރާ ސްކޫލަށް އަހަރީ ދުވަހުގެ ހަދިޔާދީފި

އިސްދަރިވަރުން ސްކޫލަށް ތަކެތި ހަވާލުކުރުމުގެ ތެރެއިން:ފޮޓޯ/ ހުރާ ސްކޫލް

ހުރާ ސްކޫލްގެ އަހަރީ ދުވަހާއި ގުޅިގެން އެ ސްކޫލްގެ އިސްދަރިވަރުންގެ ފަރާތުން އެ ސްކޫލަށް ބޭނުންވާ މުހިއްމު ބައެއް ތަކެތި ހަދިޔާކޮށްފިއެވެ. އިސްދަރިވަރުން މި ތަކެތި ހަދިޔާކޮށްފައިވަނީ، އަހަރީ ދުވަހާއި ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިންނެވެ.

މާދަމާއަކީ، އެ ސްކޫލްގެ 35 ވަނަ އަހަރީ ދުވަސްކަން ފާހަގަކުރައްވަމުން އެ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތް އަރީޝާ ވިދާޅުވީ، އަހަރީ ދުވަހާއި ގުޅިގެން އެކި ހަރަކާތްތައް ރޭވިފައިވާކަމަށާއި، އެ ގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުން ސްކޫލަށް ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ ފުރުސަތުވާނީ ހުޅުވާލާފައިކަމަށެވެ. ހުޅުވާލި މި ފުރުސަތުގައި، ސްކޫލްގެ އެކި އަހަރުތަކުގެ އިސްދަރިވަރުންގެ ފަރާތުން ގިނަ އަދަދެއްގެ ތަކެތި ލިބިފައިވާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. އެ ގޮތުން ލިބިފައިވާ ތަކެތީގެ ތެރޭގައި، ވޯޓަރ ޑިސްޕެންސަރ، އޮޓަމެޓިކް ސެނެޓައިޒަރ، ކިޔަވަން ބޭނުންވާ ތަކެތި، ޕްރިންޓަރ، ކުޅިވަރު ސާމާނު އަދި ސްކޫލްގައި އަލަށް އިމާރާތް ކުރާ 6 ކްލާސްރޫމް ޑިޖިޓަލް ކުރުމަށް ބޭނުންވާ ތަކެއްޗާއި ޓީވީގެ އިތުރުންވެސް ކްލާސްތަކަށް ބޭނުންވާ ގިނަ ތަކެތި ލިބިފައިވާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

އިސްދަރިވަރުން ސްކޫލަށް ތަކެތި ހަވާލުކުރުމުގެ ތެރެއިން. ފޮޓޯ: ހުރާ ސްކޫލް

ސްކޫލަށް މިލިބުނު ތަކެތީގެ ސަބަބުން ސްކޫލްގެ އިތުރު އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ފަސޭހަވާނެކަން ޕްރިންސިޕަލްވަނީ ފާހަގަކުރައްވާފައެވެ. ސްކޫލުން އެދޭ ކޮންމެ ވަގުތަކުވެސް އެ ސްކޫލްގެ އިސްދަރިވަރުންގެ ފުރިހަމަ އެހީތެރިކަން ސްކޫލަށް ލިބެމުންދާކަން ފާހަގަކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ، މާލީ ގޮތުންނާއި އަމަލީ ގޮތުންވެސް އިސްދަރިވަރުންގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާކަމަށެވެ.
އެސްކޫލްގެ އަހަރީ ދުވަސް ކުލަ ގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު "ކޮމިއުނިޓީ ވޯކް"އެއްގެ ގޮތުން ކޮންމެ އަހަރީ ދުވަހަކު ސްކޫލުންކޮށްދޭ ކަމެއްގެ ގޮތުން މި އަހަރު ކުރަން ނިންމާފައިވަނީ، އަތިރިމަތީ ސަރަހައްދުގައި ހަޓެއް ތައްޔާރުކުރުމާއި މައުލޫމާތު ފޯރުކޮށްދޭ ބޯޑް ހަރުކުރުމެވެ. ހަމައެހެންމެ އެ ސްކޫލަށް މާލީ ގޮތުން އެހީތެރިވެފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވަން ހަމަޖެހިފައިވާއިރު، ގަސް އިންދުމާއި ޓައިމް ކެޕްސޫލް ވަޅުލުންވެސް ހިމެނެއެވެ.

އިސްދަރިވަރުން ސްކޫލަށް ތަކެތި ހަވާލުކުރުމުގެ ތެރެއިން. ފޮޓޯ: ހުރާ ސްކޫލް

1987ގައި ހުޅުވުނު ހުރާ ސްކޫލަކީ، ކިޔަވައިދިނުމުގައި ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަމުން އަންނަ ސްކޫލެކެވެ. އެ ސްކޫލްގެ ކްލާސްތަކަކީ، ޑިޖިޓަލައިޒް ކޮށްފައިވާ ކްލާސްތަކެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *