ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ހިންގާ ކޮމިޓީއަށް އިންތިޙާބްވި ދަރިވަރުންނަށް މަޤާމް ޙަވާލްކުރުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެރޭ އެމް.އެން.ޔޫގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި 60 ދަރިވަރުންނަށް ގޮފިތަކުގެ މަޤާމް ވަނީ ޙަވާލުކޮށްފައެވެ. ދަރިވަރުންގެ ޔޫނިއަންގެ ޖުމްލަ 14 ގޮތްޕެއްވާއިރު މަޤާމް ޙަވާލުކޮށްދީފައިވަނީ މާލޭ ކެމްޕަހުގެ 10 ގޮފީގެ ހިންގާ ކޮމިޓީގެ މެމްބަރުންނަށެވެ. މިއިން ކޮންމެ ގޮތްޕެއްގައި 6 މެމްބަރުން ހިމެނެއެވެ.
ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ މަޤްސަދަކީ ފެކަލްޓީތަކާއި، ކެމްޕަސްތަކާއި ސެންޓަރުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ޙައްޤުތަކަށް ރައްކާތެރިވުމާއި، މަސްލަޙަތު ކުރިއަރުވައި، އުޙުއްވަތްތެރިކަމާއި ވަފާތެރިކަން ޤާއިމްކޮށް ދަރިވަރުންގެ ޔޫނިއަންގެ މަޤްސަދުތަކާއި ޔުނިވަރސިޓީގެ މަޤްސަދުތަށް ޙާސިލްކުރުމަށް އެހީތެރިވެދިނުމެވެ. އަދި ގޮފިތަކުގައި ދަރިވަރުންނާއި ގުޅިގެން ހަރަކާތްތައް ރާވައި ހިންގުމެވެ.

ގޮފިތަކަށް މަޤާމް ހަވާލުކުރުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، މުޙައްމަދު ޝަރީފް ވިދާޅުވީ އިތުރު ޙަރަކާތުގައި ބައިވެރިވުމަކީ ޔުނިވަރސިޓީގެ މުހިއްމު ބައެއް ކަމުގައެވެ. އަދި ކަންކަން ރާވައި ހިންގުމަކީ ލިބިގެންދާ ރަނުގެ ފުރުޞަތެއްކަމަށާއި ކާމިޔާބު ލީޑަރުންނަކީ އަމިއްލަ ލަނޑުދަނޑިތައް ޤުރުބާންކޮށް ޓީމްގެ ލަނޑުދަނޑިތަށް ޙާސިލްކުރުމަށް މަސައްކަތްކުރާ ބައެއްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ޙިދުމަތްކުރުމަށް މަޤާމެއް މުހިއްމެއް ނޫންކަމަށާއި މަޤާމަކީ ފުރިހަމަ ފެންވަރުގައި މަސައްކަތްކުރުމަށް ލިބޭ ފުރުޞަތެއްކަމަށްވެސް ވައިސް ޗާންސެލަރ ފާހަގަކުރައްވާ އަދި އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމަކީ، ކިޔެވުމަށް ބުރޫނާރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގޮފިތަކުގެ ނައިބު ރައީސް، ޖައިޝް އަލީ ވަހީދުގެ ވާހަކައިގައި ދަރިވަރުން އިސްވާރަކަށްވުމަކީ ލީޑަރޝިޕް ކޮލިޓީ ރަނގަޅުކުރުމަށް ލިބޭ ފުރުޞަތެއް ކަމަށާއި އިޖްތިމާޢީ ހުނަރުތައް ތަރައްޤީވެ ދިރިއުޅުމުގެ ކަންކަމަށް ކުރިމަތިލާން ދަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ކުއްޖަކީ މަސައްކަތް ކޮށްފިނަމަ ތަފާތު ދެއްކޭނެ ކުއްޖެއް ކަމަށްވެސް ޖައިޝް ފާހަގަކުރެއްވިއެވެ.
ގޮފިތަކަށް ހޮވިފައިވާ މެމްބަރުންގެ 70 ޕަސެންޓަކީ އަންހެން ދަރިވަރުން ކަމުގައިވުމަކީ ރަސްމިއްޔާތު ޚާއްސަވެގެން ދިޔަ ސަބަބެކެވެ. އޭގެތެރެއިން ގޮފިތަކުގެ ރައީސުންގެ ގޮތުގައި ތިއްބެވީ 60 ޕަސެންޓް އަންހެން ދަރިވަރުންކަމަށް ނައިބު ރައީސް، ޖައިޝް އަލީ ވަހީދް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ އަންހެން ދަރިވަރުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމުގެ ހެއްކެއް ކަމަށްވެސް ޖައިޝް ފާހަގަކުރެއްވިއެވެ.

ގޮފިތަކަށް ހޮވިފައިވާ މެމްބަރުންނަށް މަޤާމް ހަވާލުކުރުމުގެ އިތުރުން އިސްވާރުންގެ އެވޯޑާއި، ދަރިވަރުންގެ ޔޫނިއަންގެ ދެވަނައަށް ދެވޭ ޝަރަފްވެރިކަމުގެ އެވޯޑްވެސް ވަނީ ދަރިވަރުންނާ ޙަވާލުކޮށްފައެވެ. އަދި ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ތައްޔާރުކޮށްފައިވާ ޙާއްސަ ވީޑިއޯ ރިޕޯޓެއްވެސް ދައްކާލައިފައިވެއެވެ.
މި ރަސްމިއްޔާތުގައި ދަޢުވަތު އެރުވިގެން ވަޑައިގެން ޙާއްސަ ބޭފުޅުންނާ، ފެކްލްޓީތަކުގެ ޑީނުންނާއި، ގޮފިތަކުގެ ކުރީގެ މެމްބަރުންނާއި ބެލެނިވެރިންވެސް ބައިވެރވެލެއްވިއެވެ.
ދަރިވަރުންނަށް މަޤާމް ޙަވާލްކުރުމުގެ ރަސްމިއްޔާތު ނިންމާލައިފައިވަނީ ދަރިވަރުންގެ ޔޫނިއަންގެ ރަސްމީ ލަވައިންނެވެ.
advertisment
ހިޔާލު