އެޑިޔުކޭޝަން މިނިސްޓަރ ބ.އަތޮޅު މަދަރުސާއާ ގުޅޭ ކަންކަމާމެދު މަޝްވަރާކުރައްވައިފި

އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ބ.އަތޮޅު މަދަރުސާއަށް ވަޑައިގެން، އެސްކޫލާ ގުޅޭ އެކި ކަންކަމާމެދު މަޝްވަރާކުރައްވައިފިއެވެ.

ބުރާސްފަތިދުވަހު ކުރެއްވި މިދަތުރުގައި، މިނިސްޓަރ ވަނީ ބ.އަތޮޅު މަދަރުސާގެ މުދައްރިސުންނަށް ކުރިއަށްގެންދިޔަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ސްކޫލުގެ މުވައްޒަފުންނާއިވެސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ބ.އަތޮޅު މަދަރުސާގެ މުދައްރިސުންނާ ބައްދަލުކުރެއްވުން؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

މިނިސްޓަރ ވަނީ އެ ސްކޫލު މިހާރު ހިނގަމުންދާ ގޮތާއި، ދިމާވަމުންދާ ދަތިތައް އަޑުއެއްސެވުމަށްފަހު، ދަރިވަރުންގެ އުނގެނުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ސްކޫލުގެ ޕްރިންސިޕަލް އަދި އެހެނިހެން އިސްބޭފުޅުންނާއެކު މަޝްވަރާކުރައްވާފައެވެ.

އެ ސްކޫލުގެ ކަންކަމާމެދު މަޝްވަރާކުރެއްވުމުގެ ތެރެއިން؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

މީގެ އިތުރުން، މިނިސްޓަރ، ބ.އަތޮޅު މަދަރުސާގެ ބީޓެކް ޕްރެކްޓިކަލް ފިލާވަޅުތައް ކުރިއަށްގެންދާ ކްލާސްރޫމްވެސް ބައްލަވާލެއްވިއެވެ.

ބ.އަތޮޅު މަދަރުސާގެ ބީޓެކް ޕްރެކްޓިކަލް ފިލާވަޅުތައް ކުރިއަށްގެންދާ ކްލާސްރޫމް؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

މިނިސްޓަރ ޢައިޝަތު ޢަލީ ވަނީ، ބ.އަތޮޅު މަދަރުސާގެ އިތުރުން، ބ.ގޮއިދޫ ސްކޫލަށްވެސް ވަޑައިގެންފައެވެ.

މިނިސްޓަރ ބ.ގޮއިދޫ ސްކޫލުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވުމުގެ ތެރެއިން؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އަދި މިނިސްޓަރ ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ޕަރލޭ މޯލްޑިވްސް އިން ހިންގާ "އެއަރ ޗެލެންޖް" ޙަރަކާތުގެ ދެވަނަ މަރުޙަލާ ބ. ގޮއިދޫ ސްކޫލުން ޙާސިލް ކުރުން ފާހަގަ ކުރުމަށް އެ ސްކޫލްގައި ކުރިއަށްގެންދިޔަ ހަފްލާ ޝަރަފްވެރިކޮށްދެއްވާފައެވެ. އެއަރ ޗެލެންޖްގެ ހަރަކާތުގައި ހިމެނޭ އިންޓަރސެޕްޓް ނުވަތަ ޕްލާސްޓިކް މޫދަށް ނުވަތަ ކުނީގެ ގޮތުގައި ދިއުން ހުއްޓުވުމުގެ ބައިގައި ގޮއިދޫ ސްކޫލްގެ ގްރޭޑް 7ގެ ދެ ދަރިވަރަކު ވަނީ ހިމެނިފައެވެ. މި ދެ ދަރިވަރުންވަނީ ދެ އަހަރުތެރޭގައި ޖުމްލަ 130ހާސް ޕްލާސްޓިކްފުޅި އެއްކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *