އެއަރ ޗެލަންޖްގެ ދެވަނަ މަރުހަލާއިން އެއްވަނަ ގޮއިދޫ ސްކޫލަށް، ތިމާވެށީގެ ޗެމްޕިއަނުންގެ ގޮތުގައި އެ ސްކޫލްގެ އީޝަލްއާއި ރޫޔާ

ކަނޑުތަކަށް އެޅޭ ޕްލާސްޓިކް މަދުކުރުމަށް ޕާލޭއާއި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ " އެއަރޗެލަންޖް"ގެ ދެ ވަނަ މަރުހަލާ ނިންމާލައިރު، އެއްވަނަ ސްކޫލަކަށް ބ. ގޮއިދޫ ސްކޫލް ހޮވައިފިއެވެ. ދެ ވަނަ މަރުހަލާގައި ހޯދަންޖެހޭ 2055 ޕޮއިންޓް އެންމެ ފުރަތަމަ ހަމަކުރީ އެ ސްކޫލުންނެވެ. އަދި ތިމާވެށީގެ ޗެމްޕިއަންސްގެ ގޮތުގައި ހޮވީ އެ ސްކޫލްގައި ކިޔަވަމުން ގެންދާ މަރިޔަމް އީޝަލް ޔަމީން އާއި އައިޝަތު ރޫޔާ އެވެ. ރޫޔާ ވަނީ 75،000 ހުސްފުޅި މިހާތަނަށް އެއްކޮށްފައެވެ. އީޝަލް އެއްކުރީ 55،000 ހުސްފުޅި އެވެ.

އެއަރ ޗެލަންޖްގެ ދެވަނަ ފިޔަވަހީގައި، ތިމާވެށީގެ ޗެމްޕިއަުންގެ ގޮތުގައި ހޮވި ގޮއިދޫ ސްކޫލްގެ ދަ ދަރިވަރުން ކަމުގައިވާ އީޝަލްއާއި ރޫޔާ – ފޮޓޯ: ގޮއިދޫ ސްކޫލް

ގޮއިދޫ ސްކޫލުން ވަނީ ދެވަނަ މަރުހަލާ ކާމިޔާބު ކުރިއިރު، އެ ސްކޫލުން ވަނީ 9،405.5 ކިލޯގެ ޕްލާސްޓްކް އެއްކޮށް، ޕާލޭއާ ހަވާލުކޮށްފައެވެ.

ދެވަނަ މަރުހަލާއިން އެއްވަނަ ހޯދުމުން ޕާލޭއިން ވަނީ ގޮއިދޫ ސްކޫލަށް ވޯޓަރ ޑިސްޕެންސަރއެއް އިނާމެއްގެ ގޮތުގައި ދީފައެވެ.

މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެއަރ ޗެލަންޖް ޕްރޮގްރާމަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް އެއްކުރުމަށް ރާއްޖޭގެ ފެންވަރުގައި ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ. މީގެ ތެރެއިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ދޫކޮށް، އެއާ ނުލައި ދިރިއުޅުން ބައްޓަންކުރާނެ އެތައް ހުނަރެއް ދަރިވަރުންނަށް މި ޗެލަންޖުން ދަސްކޮށްދެއެވެ.

އެއަރޗެލަންޖް ކުރިއަށް ގެންދަނި ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާއަށް 1025 ޕޮއިންޓް، ދެވަނަ މަރުހަލާއަށް 2550 ޕޮއިންޓް، ތިންވަނަ މަރުހަލާގައި 5075 ޕޮއިންޓް ހޯދަން ޖެހެއެވެ.

ޕޮއިންޓް ދީގެން އެއަރ ޗެލަންޖް ކުރިއަށްދާއިރު، ޕޮއިންޓް ދެނީ ހަމައެކަނި ޕްލާސްޓިކް އެއްކޮށްގެން ނޫނެވެ. އެއްކުރާ ޕްލާސްޓިކްގެ އަދަދަށް ގިނަ ޕޮއިންޓް ލިބުނަސް، ޕްލާސްޓިކު ދޫކޮށްލަން ކުރާ މަސައްކަތާއި، ޕްލާސްޓިކްގެ ބަދަލުގައި ހިންގާ ތިމާވެއްޓާ ގުޅުން ހުރި މުހިންމު މަސައްކަތްތަކަށް ވެސް ޕޮއިންޓް ދިނުމުގައި ބަލައެވެ.

ފުރަތަމަ މަރުހަލާއިން އެއްވަނަ ހޯދީ 212 ކުދިން ކިޔަވަމުންދާ ވ. ކެޔޮދޫ ސްކޫލުންނެވެ. ދެވަނަ މަރުހަލާގައި އެ ސްކޫލް ދިޔައީ ދެވަނަ އަށެވެ. ފުރަތަމަ މަރުހަލާގައި އެ ސްކޫލުން ވަނީ ހަ މަސްދުވަހުގެ ތެރޭގައި އެއްހާސް ކިލޯގެ ޕްލާސްޓިކް އެއްކޮށްފައެވެ. 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ސްކޫލުން ވަނީ 2795 ކިލޯގެ ޕްލާސްޓިކް އެއްކޮށް، ޕާލޭއާ ހަވާލުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *