ހަމަދު ސްކޫލްގެ އަހަރީ ދުވަހުގެ ހަދިޔާ ހިފައިގެން މުދައްރިސުން ދަރިވަރުން ގާތަށް

މުދައްރިސުން ގޭގެއަށް ގޮސް ހަދިޔާ ދެނީ:ފޮޓޯ/ ހަމަދް ބިން ހަލީފާ އަލް ތާނީ ސްކޫލް

ލ. ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ 24 ވަނަ އަހަރީ ދުވަހާ ދިމާކޮށް ހަދިޔާއެއްގެ ގޮތުގައި އެ ސްކޫލްގެ ކޮންމެ ކުއްޖަކަށް ކޭކެއް ދީފިއެވެ. އާންމު ގޮތެއްގައި ކޮންމެ އަހަރަކު ވެސް އެ ސްކޫލުން ދަނީ އަހަރީ ދުވަހާ ގުޅުވައިގެން މިފަދަ ހަދިޔާ ދެމުންނެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމާއެކު ލ. ގަން އޮތީ މޮނިޓަރިންގައެވެ. އެހެންވެ ދެވަނަ ޓާމުން ފެށިގެން ގުރޭޑް އަށަކުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދަނީ އޮންލައިކޮށެވެ. ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެމުން ގެންދަނީ ގުރޭޑް ނުވައަކުން 12އާ ހަމައަށެވެ.

އަހަރީ ދުވަހުގެ ހަދިޔާގެ ގޮތުގައި ދޭ ކޭކާއި އަހަރީ ކާޑް ދޭން ދަރިވަރުންގެ ދިރިއުޅޭ ގެ ތަކަށް ދިޔައީ އެ ސްކޫލްގެ މުދައްރިސުންނެވެ.

" ކުރީ ފަހަރު ތަކުގައި އަޅުގަނޑުމެން ހަދިޔާ ދެނީ އިސްރަށްވެހިންނަށް. ކުދިން ގޭގައި ތިބެން ޖެހުމުން އެކުދިން ނުފެންނަތާ ވެސް ދުވަސްތަކެއް ވެއްޖެ. އެހެންވެ މުދައްރިސުންގެ އިސްނެގުމާއެކު ކުދިން ކައިރިއަށް ހަދިޔާ ހިފައިގެން ދިޔައީ" ޕްރިންސިޕަލް މުޙައްމަދު ޝަޢުކަތު ވިދާޅުވިއެވެ.

ގުރޭޑް އަށަކުން ދަށުގެ 477 ދަރިވަރުންނަށް ހަދިޔާ ދިނީ ގޭގެއަށް މުދައްރިސުން ގޮސްގެންނެވެ. ނުވައަކުން މަތީގެ ދަރިވަރުންނަށް ހަދިޔާ ދިނީ ސްކޫލަށް އެކުދިން ހާޒިރުވުމުންނެވެ. އެ ސްކޫލުން ވަނީ މިހާރު އެ ސްކޫލްގައި ކިޔަވަމުންދާ 620 ދަރިވަރުންނަށް އަހަރީ ކޭކާއި ކާޑް ދީފައެވެ.

މުދައްރިސުން ގޭގެއަށް ޒިޔާރަތްކޮށް ދަރިވަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ އާއި ހަދިޔާ ދިނުމުން، އެކުދިންގެ މޫނުމަތިން ހިތްހަމަޖެހުމާއި އުފާވެރިކަން ފެނުނުކަމަށާއި އަދި ބެލެނިވެރިންގެ ފަރާތުން ވެސް ހިތްހަމަޖެހުމުގެ ބަސްތައް އިވިގެންދިޔަކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

" ދަރިވަރުންނަށް ގޭގައި ތިބެންޖެހިފައި ތިބި މި ދަޑިވަޅުގައި މުދައްރިސުން ގޭގެއަށް ޒިޔާރަތްކޮށް ހަދިޔާ ފޯރުކޮށް ދިނުމުން ކުދިން އެކަން ބަލައިގަތް. ބެލެނިވެރިން ގުޅާފައި އެކަން ފާހަގަކުރި" ޝައުކަތު ވިދާޅުވިއެވެ.

ޝަޢުކަތު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ގުރޭޑް އެކަކުން ފެށިގެން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ތައްޔާރުވަމުން އަންނަ ކަމަށާއި، އެކަން ކުރެވޭނީ މޮނިޓަރިންގެ ހާލަތަށް ބަދަލުތަކެއް އައިސްގެން ކަމަށެވެ.

" އާދީއްތަ ދުވަހު ކިޔަވައިދޭން ފެށި ނަމަވެސް ފައުންޑޭޝަން ކުދިންނަށް ކިޔަވައިދޭން ފަށާނީ އަދި ފަހުން"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *