ޖަމާލުއްދީނުގައި ސައިން ލެންގުއޭޖް ކުލަބެއް އުފައްދައިފި

ޖަމާލުއްދީން ސްކޫލްގެ 37 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ސްކޫލްގައި ސައިންލެންގުއޭޖް ކުލަބެއް އުފައްދައި، އެ ކުލަބު އިފްތިތާހުކޮށްފިއެވެ. މި ކުލަބު އިފުތިތާހުކޮށް ދެއްވީ އަހަރީ ދުވަހާ ގުޅިގެން މިއަދު ހެނދުނު ބޭއްވި ޚާއްޞަ އެސަމްބްލީގައި ޝަރަފުވެރިމެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން އޮފިސަރު، އަހުމަދު ނަސީމެވެ.

ޖަމާލުއްދީން ސްކޫލަކީ، އަޑުނިވޭ ކުދިންނަށް ސައިން ލެންގުއޭޖް އެންމެ ފުރަތަމަ ކިޔަވައިދޭން ފެށި  ސްކޫލެވެ.

ޖަމާލުއްދީނުގެ ދަރިވަރުން ސައިންލެންގުއޭޖުން އެ ސްކޫލްގެ ލަވަ ތަމްސީލުކޮށް ދެނީ- ފޮޓޯ: ޖަމާލުއްދީން ސްކޫލް

ޤައުމީ ސަލާމުގެ އިތުރުން ސްކޫލެއްގެ ލަވަ ސައިން ލެންގުއޭޖުން ގެނެސްދޭން ފެށި ހަމައެކަނި ސްކޫލަކަށް ވެސް ޖަމާލުއްދީން ސްކޫލްވަނީ ވެފައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ސްކޫލްގެ ކުދިން ވަނީ ސައިންލެންޖުއޭޖުން އެ ސްކޫލްގެ ލަވަ ދަސްކޮށްފައެވެ.

ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުޙައްމަދު މިއަދު ވިދާޅުވީ ޤަޢުމީ ސަލާމަށްފަހު، ސްކޫލެއްގެ ލަވަ ސައިން ލެންގުއޭޖުން ގެނައި ފުރަތަމަ ސްކޫލަކީ ޖަމާލުއްދީން ސްކޫލް ކަމަށާއި، ލަވަ ގެނެސް ދިނުމުގައި ބައިވެރިވި ގިނަ ކުދިންނަކީ ނޯމަލް ކުދިން ކަމަށެވެ.

ޖަމާލުއްދީނުގެ ދަރިވަރުން ސައިންލެންގުއޭޖު ކުލަބު އިފްތިތާހު ކުރަން ބޭއްވި ޚާއްޞަ އެސަމްބްލީ- ފޮޓޯ: ޖަމާލުއްދީން ސްކޫލް

" ސައިންލެންގުއޭޖުން ޤަޢުމީ ސަލާމް އެންމެ ފުރަތަމަ ގެނެސްދިނީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން. މިހާރު އެކަން ބަދަލުވެ، މިއަދު މި ސްކޫލްގެ ލަވަ ސައިން ލެންގުއޭޖުން ގެނެސްދިންއިރު ގިނައީ ނޯމަލް ކުދިން" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ސައިން ކުލަބުގައި ނޯމަލް ކުދިން ބައިވެރިވުމަކީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

" ސްކޫލުން އަޒުމް ކަންޑައަޅާފައި ވަނީ ޖަމާލުއްދީން ސްކޫލްގެ ކުދިންނަކީ އެ ސްކޫލްގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނާ ފަސޭހައިން މުއާމަލާތް ކުރެވޭ ކުދިންނަށް ހަދަން" މިއަދު ބޭއްވި އެސަމްބްލީގައި ހަސަން މުޙައްމަދު ވިދާޅުވިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *