ތޮއްޑޫ ސްކޫލާއި، އެރަށު ޕޮލިސް އަދި ކައުންސިލް ގުޅިގެން، އަންހެނުންނަށް ހާއްސަކޮށްގެން ތޮއްޑޫގައި ކުރިއަށްދިޔަ ބްލޫ ވޮލީ ކޭމްޕް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕޮލިސް ކްލަބްގެ ރައީސް، ޗީފް ސުޕްރިންޑަންޓް އޮފް ޕޮލިސް މުހަންމަދު ރަޝީދު އަދި ޕޮލިސް ކްލަބްގެ ނާއިބް ރައީސް ސުޕްރިންޑަންޓް އޮފް ޕޮލިސް ފަތުހުﷲ ވަހީދެވެ. މި ރަސްމިއްޔާތުގައި ތޮއްޑޫ ސްކޫލުގެ ޕްރިންސިޕަލާއި އަތޮޅު ކޮމާންޑާރާއި މޯލްޑިވްސް ވޮލީބޯލް ވެޓަރެންސްގެ ރައީސް ސައީދު އަލީޢާއި ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް ކްލަބްގެ ރައީސް ވިދާޅުވީ ރަށުގެ މުއައްސަސާތަކާއި ގުޅިގެން ހިންގޭ މިފަދަ ހަރަކާތްތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކާއި އޮންނަ ގުޅުން ބަދަހިވެގެންދާކަމަށެވެ. އަދި ކުރިއަށް އޮތްތާގައި މިފަދަ އިތުރު ކޭމްޕްތަށް ބާއްވަން ނިންމާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަދި މިކޭމްޕްގެ ބައިވެރިން އެދިފައިވާ ގޮތަށް، ޕޮލިސް ކުލަބްގެ ވޮލީ މެޗުތައް ތޮއްޑޫގައި ބޭއްވުމާއި، ދެމިގެންދާނެގޮތަށް މަިފަދަ ޓްރެއިނިންގް ކޭމްޕްތައް ބޭއްވުމަށް އިތުރު ދެމީހަކު ތަމްރީންކޮށްދެއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ޕޮލިސް ކުލަބް ގެ ނައިބް ރައީސް ފަތުހުﷲ ވަހީދު ވިދާޅުވިގޮތުގައި ޒުވާނުން މިދާއިރާއިން ތަމްރީން ކުރުން މުހިއްމުކަމާއި އަދި އެ ޒުވާނުން ވާން ޖެހޭނީ ނަމޫނާ ބައެއް ކަމަށްވެސް ވިދާޅުވިއެވެ.
މި ކޭމްޕުގައި، ބޭސިކް އަދި އެޑްވާންސް ޓްރެއިނިންގް ދަސްކޮށްދީފާވާއިރު، ކޯޓް ކަވަރިންގް، އެޓޭކް، ޑިފެންސް އަދި ސްޕައިކް ކުރުމާއި ބްލޮކްކުރުން އަދި މެޗް ފިޓްނެސް ރަގަޅުކުރާނެ އުކުޅުތައްވެސް ދަސްކޮށްދީފައިވެއެވެ. މި ކޭމްޕަށް މުއައްސަސާތަކާއި، ކޭމްޕުގައި ބައިވެރިވި ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ދެ ކޯޗުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
advertisment
ހިޔާލު