ތާއްޖުއްދީނު ސްކޫލްގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ރަސްމިައްޔާތެއް ބާއްވައިފި

33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ، ފޮޓޯ: ތާއްޖުއްދީން ސްކޫލް

7 ފެބްރުއަރީ 1989 ގައި ވުޖޫދުވި ތާއްޖުއްދީން ސްކޫލަކީ ދިވެހިރާއްޖޭގެ މަޝްހޫރު ތާރީޙް ޢިލްމުވެރިޔާ ޙަސަން ތާއްޖުއްދީންގެ ނަމުން ނަންދެވިފައިވާ ސްކޫލެކެވެ. ތާރީޙްގައި އެތައް ޞަފްހާތަކެއް ފުރިހަމަކޮށްފައިވާ ތާއްޖުއްދީން ސްކޫލް މިއަދު ފާހަގަކުރަނީ 33 ވަނަ އަހަރީ ދުވަހެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ އެސްކޫލްގައި ޚާއްސަ ރަސްމިައްޔާތެއް ބާއްވާފައެވެ. ހެނދުނު 7:10 ގައި ފެށުނު މި ރަސްމިއްޔާތު ފަށާފައިވަނީ ޤުރުޢާނުގެ ބަރަކާތުންނެވެ. ސްކޫލުގެ ލަވައަށްފަހު ރަސްމިއްޔާތު ޙާއްސަވެގެންދިޔަ އިވެންޓް ކަމުގައިވާ ، ސްކޫލްގެ ހައުސްތަކާއި އަދި އަދަބީ ޖަމިއްޔާތަކުގެ ދިދަތަށް ޒަމާނާ އެއްގޮތަށް ފަރުމާކުރުމަށްފަހު ވަނީ ތަޢާރަފްކޮށްފައެވެ.

 

 

33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ، ފޮޓޯ: ތާއްޖުއްދީން ސްކޫލް

 

އެއީ ސްކޫލްގެ 4 ހައުސްކަމުގައިވާ ރަންނަބަނޑޭރި ހައުސް، ފާމްދޭރީ ހައުސް، ދޮށިމޭނާ ހައުސް އަދި ފާޝަނާ ހައުސްގެ ދިދަތަކާއި ދިވެހި އަދި އިނގިރޭސި އަދަބީ ޖަމިއްޔާގެ ދިދަތަކެވެ. މި ދިދަތަށް ފަރުމާކޮށްފައިވަނީ ކުރީގެ ދިދަތަކުގެ އަސްލު ނުގެއްލޭގޮތަށް ޒަމާނީ ގޮތަކަށެވެ. ދިދަތަށް ތަޢާރަފްކޮށްދީފައިވަނީ ސްކޫލްގެ އިސް ޕޯސްޓުންނެވެ.

 

ފަރުމާކޮށްފައިވާ ދިދަތަށް، ފޮޓޯ: ތާއްޖުއްދީން ސްކޫލް

 

ދިދަތަށް ފަރުމާކުރުމުގައި ދަރިވަރުން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ. އެހެންކަމުން މި މަސައްކަތުގައި ޙަރަކާތްތެރިވި އޭރާއި މިހާރުގެ ދަރިވަރުންނަށް ވަނީ ދިދަތަށް ޑިޒައިންކޮށް ފަރުމާކުރުމުގައި ކޮށްފައިވާ މަސައްކަތް އަގުވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ހަވާލުކުރުމުގެ ތެރެއިން ، ފޮޓޯ: ތާއްޖުއްދީން ސްކޫލް

 

ސްކޫލްގެ ކޮމްޕައުންޑުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ސްކޫލްގެ ޕްރިންސިޕްލް، ބަޝީރާ މުޙައްމަދު ވަނީ ސްކޫލްގެ 33 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ،  ސްކޫލުގެ މާޒީ އަދި މިހާރުގެ ހުރިހާ ފަރާތްތަކަށް ކިޔާފައެވެ.

ޕްރިންސިޕަލް ވަނީ ދިދަތަށް ފަރުމާކުރުމުގައި ހަރަކާތްތެރިވި ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންގެ ޓީމްތަކަށް ޝުކުރު އަދާކޮށްފައެވެ. މި ރަސްމިއްޔާތުގައި ޕްރިންސިޕަލް ވަނީ ދިދަތަކުގެ ތާރީޙާއި އެ ދިދަތަކާއި ގުޅިފައިވާ މަޢުލޫމާތުތަށް ހިމެނޭ އަތްމަތީ ފޮތެއް ވެސް ނެރެދެއްވާފައެވެ. މި ފޮތަކީ އާއްމުންނަށްވެސް އެފޮތުން މަޢްލޫމާތުތަކެއް ލބިގެންދާނެ ފޮތެއް ކަމުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.

 

33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ، ފޮޓޯ: ތާއްޖުއްދީން ސްކޫލް

 

ޕްރިންސިޕަލް ބަޝީރާ މުޙައްމަދުގެ ވާހަކުފުޅުގައި މުދައްރިސުންނަށް އިޙްތިރާމްކުރުމަށާއި އެބޭފުޅުންގެ އަގުވަޒަންކުރުމަށް ވަނީ ދަރިވަރުންނަށް ޢިލްތިމާސްކުރައްވާފައެވެ. ސްކޫލަަށް 33 އަހަރު ތެރޭގައި ލިބިފައިވާ ކާމިޔާބީތަކާއި ކުރިއެރުމުގެ އަސްލަކީ ރެޔާދުވާލު މުދައްރިސުން ކުރަމުންދާ ބުރަ މަސައްކަތްކަން ޕްރިންސިޕަލް ފާހަގަކުރައްވަމުން، އެކަމަނާގެ އުއްމީދަކީ ސްކޫލުން ނިކުންނަ ދަރިވަރުންނަކީ ޤައުމަށް ފައިދާހުރި މުޖްތަމަޢަށް ލާބަހުރި މަސައްކަތްތަކެއް ކޮށްދޭނެ ދަރިވަރުންތަކަކަށް އެ ދަރިވަރުން ވާނެކަމަށްވެސް ބުނެފައިވެއެވެ.

 

33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ، ފޮޓޯ: ތާއްޖުއްދީން ސްކޫލް

 

ކޮވިޑް 19 ގެ ކޭސްތަށް އިތުރުވަމުން ދިޔުމާ ގުޅިގެން 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގައި ދަތިތަކެއް ހުރިކަމުގައިވިޔަސް ސްކޫލްގެ މެނޭޖްމެންޓާއި، ބެލެނިވެރިންނާއި އަދި ޕީޓީއޭއާއި ގުޅިގެން ވަނީ  ގިނަ ކަންތައްތަކެއް ރާވާފައެވެ. އެގޮތުން ފޮތް ހަދިޔާކުރުމާއި ލޭ ހަދިޔާކުރުން ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *