ބައެއް ސްކޫލްތަކުން އޮންލައިންކޮށް ކިޔަވައިދޭން ފަށައިފި

ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވަމުންދިއުމާއެކު ބައެއް ސްކޫލްތަކުން އޮންލައިންކޮށް ކިޔަވައިދޭން ފަށައިފިއެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށިއިރު، މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުގެ ގުރޭޑް އަށަކުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދަނީ ހަފްތާއަކު ދެ ދުވަހުއެވެ. ގުރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް ކޮންމެ ދުވަހަކު ކިޔެވުން ކުރިއަށް ގެންދެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި މުދައްރިސުންނާއި ސްކޫލް ދަރިވަރުން ހިމެނޭއިރު، ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ބައެއް ސްކޫލްތަކުން ބުނެއެވެ.

ހުޅުމާލޭގައި ހުންނަ ބްރައިޓްވޭއިން ބުނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު ގުރޭޑް އަށަކުން ފެށިގެން ދަށް ގުރޭޑް ތަކުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާގައި ކިޔެވުން ކުރިއަށް ގެންދާނީ އެގޮތަށް ކަމަށެވެ.

" ބެލެނިވެރިން ވެސް ބޭނުން ވަނީ އޮންލައިންކޮށް ކުރިއަށް ގެންދަން. ނުވައަކުން ފެށިގެން މަތީ ގުރޭޑް ތަކަށް ކުރިއަށް މިގެންދަނީ ސްކޫލަށް ހާޒިރުކޮށްގެން" އެ ސްކޫލުން ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ސަރުކާރުގެ ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ ވިސްނުމެއް އެ މިނިސްޓްރީން ނުގެންގުޅޭ ކަމަށާއި، މި ހާލަތުގައި ސްކޫލްތަކުން މެނޭޖްކޮށްގެން ކިޔަވައިދެމުން ގެންދިއުމަށް ބާރުއަޅަމުން ގެންދާ ކަމަށެވެ.

އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުން ވެސް ދަނީ  ހާލަތަށް ބަލައި އޮންލައިންކޮށް ކިޔަވައިދެމުންނެވެ. އޮންލައިންކޮށް ކިޔަވައިދެމުން ގެންދަނީ ކޮވިޑަށް ޕްޒިޓިވްވާ މުދައްރިސުންނާއި ދަރިވަރުންގެ އަދަދު އިތުރުވަން ދިއުމާ ގުޅިގެންނެވެ.

އިހައްދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ނަޒީމް ދާދި ފަހުން ދަރިވަރު އޮންލައިނަށް ވިދާޅުވީ އެ ސްކޫލްގެ މުދައްރިސުން ޕޮޒިޓިވުމާއި އެ މުދައްރިސުންނާ ކޮންޓެކްޓްވި މުދައްރިސުން ކަރަންޓީން ކުރުން ޖެހުމުން ބައެއް ގުރޭޑްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާކަމަށެވެ.

ޕްޒިޓިވްވި މީހުންގެ ތެރޭގައި އެ ސްކޫލްގެ މަސައްކަތު މީހުން ވެސް ހިމެނެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ސްކޫލްތަކަށް ހާޒިރުވެގެން ކިޔަވައިދެމުންދާއިރު، ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތައް ސްކޫލްތަކުން ވަނީ ވަރުގަދަކޮށް ފައެވެ. އިތުރު ހަރަކާތްތައް ވެސް މި ވަގުތަށް ވަނީ މަޑުޖައްސާލާފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *