މަސައްކަތު މީހުން ކަރަންޓިީނަށް، ސްކޫލް ސާފްކުރަން ނުކުތީ ޕީޓީއޭ އިން

ީޓީއޭގެ މެންބަރުން ސްކޫލް ސާފުކުރަނީ:ފޮޓޯ/އިހައްދޫ ސްކޫލް

ލ. ގަމު އިހައްދޫ ސްކޫލްގެ ހުރިހާ މަސައްކަތު މީހުން ކަރަންޓީނަށް ދާންޖެހުމުން އެ ސްކޫލް ސާފްކުރުމުގެ މަސައްކަތާ ޕީޓީއޭއިން ހަވާލުވެއްޖެއެވެ.

އިހައްދޫ ސްކޫލްގައި މަސައްކަތު މީހުންގެ ވަޒީފާގައި ތިބީ ހަ މީހުންނެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓީވް ވީ ތިން މީހުންނެވެ. ބާކީ ތިބި ތިން މީހުން ކަރަންޓީނަށް ދާންޖެހުނީ ޕޮޒިޓީވް ވި ތިން މީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވުމުންނެވެ.

ޕްރިންސިޕަލް އަހްމަދު ނަޒީލް ވިދާޅުވީ މަސައްކަތު މީހުން ކަރަންޓީނަށް ދާންޖެހުނުކަން އެނގުނީ ހޮނިހިރު ދުވަހު ކަމަށެވެ. އެ ވަގުތުން ފެށިގެން ސްކޫލް ސާފުކުރުމުގެ މަސައްކަތާ ހަވާލުވީ އެޑްމިން ސްޓާފުންނެވެ.

" އަޅުގަނޑު އެދުނީ އިދަރީ މުވައްޒަފުން ކައިރީ،  ކިފާޔަތު ފަރުޟެއް ގޮތަށް މިކަން ކުރަން" ނަޒީލް ވިދާޅުވިއެވެ.

ނަޒީލް ވިދާޅުވީ ޖެހިގެން އައި ދުވަހު އެސްއެމްޓީއާ ބައްދަލުކުރެއްވުމަށްފަހު، އެބޭފުޅުންގެ މަޝްވަރާއާއެކު ޕީޓީއޭގެ މެމްބަރުންނާ ބައްދަލުކޮށް ސްކޫލަށް ދިމާވެފައިވާ ހާލަތުގެ ވާހަކަ ދެންނެވި ކަމަށެވެ.

" ހާލަތު ކިޔައި ދިނުމުން، އެކަމަށް އެމީހުން ދިނީ އިޖާބީ ޖަވާބެއް. މަސައްކަތަށް ނުކުތީ އަޒުމަކާއި ހިތްވަރަކާއެކު" ނަޒީލް ވިދާޅުވިއެވެ.

427 ދަރިވަރުން ކިޔަވަމުން އަންނަ އިހައްދޫ ސްކޫލް ސާފްކުރުމުގެ ބުރަ ޒިންމާއާ ޕީޓީއޭއިން ހަވާލުވެ ކޮންމެ ދުވަހަކު ދެ އިރަށް ސްކޫލްގެ ގޯތިތެރެއާއި ފާޚާނާތައް ދަނީ ސާފުކޮށް ބަލަހައްޓަމުންނެވެ. އެ މަސައްކަތް ކުރަމުން ދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދަރިވަރުން ކިޔަވަން އައުމުގެ ކުރިން ފުރަތަމަ ގުރޫޕުން،  ސްކޫލް ބޭރާއި ގޯތިތެރެ ކުނިކަހާ އަދި ފާހާނަ ސާފްކުރާ އިރު ދެވަނަ ގްރޫޕް މަސައްކަތަށް ނުކުންނާނީ ކުދިން ސްކޫލް ނިންމާފައި ދިޔުމުންނެވެ.

ކުލާސްރޫމްތައް ސާފުކުރަނީ ދަރިވަރުންނާއި މުދައްރިސުންނެވެ. ލީޑަރުން ސާފުކުރަނީ އެ ޓީޗަރުން މަސައްކަތް ކުރާ ތަނެވެ. ސްޓާފުރޫމް ސާފުކުރަނީ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

" ކުދިން ލައްވައި ކުރިން މި ކުރުވަނީ ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭން. މިހާރު އަޅުގަނޑުމެން މި ކުރަނީ ކުދިން ލައްވައި އަމަލީ ގޮތުން އެ މަސައްކަތް" ނަޒީލް ވިދާޅުވިއެވެ.

 

ދަރިވަރުންނާއި ޓީޗަރުން ކުލާސް ސާފުކުރަނީ:ފޮޓޯ/ އިހައްދޫ ސްކޫލްސްކޫލަށް މި ދިމާވި ހާލަތުގައި ސްކޫލުގެ ޕިޓީއޭއިން ދެއްކެވި ނަމޫނާ ސްކޫލް މެނޭޖްމެންޓުންވަނީ ފާހަގަކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *