ޅ. ނައިފަރު، މަދްރަސަތުލް އިފްތިތާޙުގެ ފަރާތުން ރ.މީދޫ، އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކޮށްފިއެވެ.
އިއްޔެ ކުރި މި ޒިޔާރާތަކީ ތަޖުރިބާ ހާސިލްކުރުމަށް ކުރި ދަތުރެކެވެ.
މި ދަތުރުގެ މައިގަނޑު މަޤްސަދަކީ، ރ އަތޮޅު ތަޢުލީމީ މަރުކަޒުން ކުރިއަށް ގެންދާ، ފެހި، ރީތީ މާހައުލެއް ބިނާކުރުމުގެ މަޝްރޫޢު، ކުރިއަށް ގެންދާ ގޮތް ދެނެގަތުމެވެ. މަޝްރޫޢު ކުރިއަށްގެންދާ ގޮތް ބެލުމުގެ އިތުރުން، ފަންޑު ހޯދާނެ ގޮތްގޮތާއި، ސްކޫލުގެ މުވައްޒަފުންގެ އެއްބާރުލުމާއި، މިފަދަ މަސައްކަތްތަކުގެ ސަބަބުން ޓީމް ބިލްޑް ވެގެންދާނެ ގޮތްގޮތުގެ ކަންކަން ދެނެގަތުންވެސް މި ޒިޔާރަތުގައި ހިމެނެއެވެ.

މީގެ އިތުރުން އެ ސްކޫލުގެ އެކެޑެމިކް ހަރަކާތްތަކާއި، ޔުނިފޯމް ބޮޑީސް އަދި އިތުރު ހަރަކާތްތަކުގެ އިތުރުން، ޕީޓީއޭގެ ހަރަކާތްތައް އިންތިޒާމްކުރާގޮތް ދެނެގަނެ ކުރިއަށްގެންދާ ގޮތްތައް އުނގެނުންވެސް މި ދަތުރުގެ އަމާޒުގައި ހިމެނެއެވެ.
އެގޮތުން، މި ކަންތައްތަކުގެމައްޗަށް ސެޝަނެއްވެސް ވަނީ މަދްރަސަތުލް އިފްތިތާޙްގެ ފަރާތުން ޒިޔާރަތްކުރި ޓީމަށް ނަގައިދީފައެވެ. މި ސެޝަން ނަގައިދީފައިވަނީ ރ. އޭއީސީގެ ލީޑިންގ ޓީޗަރ އަބްދުލް އަޒީޒެވެ. ސެޝަނަށްފަހު ސުވާލާއި ޖަވާބުގެ ބައެއްް ކުރިއަށްގެންދިޔައިރު ދެ ސްކޫލުން ވަނީ ހަނދާނީ ފިލާ ބަދަލުކޮށްފައެވެ.

މަދްރަސަތުލް އިފްތިތާޙްގެ ފަރާތުން ބައިވެރިވެފައިވަނީ، އެ މަދަރުސާގެ ސީނިއަރ މެނޭޖްމެންޓް ޓީމާއި، ޅ. ނައިފަރު ކައުންސިލް އަދި ޕީޓީއޭގެ އިސް ބޭފުޅުންނެވެ. މި ބޭފުޅުންގެ ދަތުރުގެ އިންތިޒާމް ހަމަޖައްސައިދެއްވީ ރ. އޭއީސީގެ ޕީޓީއޭ ގެ ފަރާތުންނެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒުން 472 ދަރިވަރުންނަށް ތަޢުލީމު އުނގަންނައިދެމުންދާއިރު، އެ ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.
advertisment
ހިޔާލު