އޭލެވެލްގެ ގަދަ 10ގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ 6 ދަރިވަރަކު ހިމެނިއްޖެއެވެ.
އެ ސްކޫލުން މިފަހަރު 100 ޕަސެންޓުން ފާސްވެފައިވާ މާއްދާތަކުގެ ތެރޭގައި އެކައުންޓް، ބިޒްނަސް ސްޓަޑީޒް އަދި މެތްސް ހިމެނެއެވެ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒު މުހައްމަދު ވިދާޅުވީ މިފަހަރަކީ އެ ސްކޫލުގެ ތާރީހުގައިވެސް އެންމެ ގިނަ ދަރިވަރުން ބައިވެރިވެ މިވަރުގެ ނަތީޖާ ނެރުނު ފަހަރެވެ.
އެ ސްކޫލުގެ 6 ދަރިވަރަކު ވަނީ ގައުމީ ގަދަ 10ގައި ހިމެނިފައެވެ. އެއީ އެ ސްކޫލުން އޭލެވެލް ހެދި ކުދިންގެ 33 އިންސައްތަ ކަމުގައި އެ ސްކޫލުން ބުނެއެވެ.
މިފަދަ ނަތީޖާއެއް ދަރިވަރުންނަށް މިހޯދުނީ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ ބުރަ މަސައްކަތުންކަމަށާއި އެހެންކަމުން އެފަރާތްތަކަށް ޕްރިންސިޕަލް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ސްކޫލުގެ ސީނިއާ މެނޭޖްމަންޓާއި މުދަރިއްސުންނާއި، އަދި އިދާރީ މުއްޒަފުންގެ ފަރާތުން ލިބިލެއްވި އެހީތެރިކަމާއި އެއްބާރުލުންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ޕްރިންސިޕަލް ޝިފާޒު އިތުރަށް ވިދާޅުވީ މިފަދަ ނަތީޖާއެއް ހޯދޭނީ ދަރިވަރުންނާއި ބެލެނިވެރިންގެ މިންނެތް މަސައްކަތުންކަމަށެވެ. އަބަދުވެސް ގދ. އަތޮޅު ތައުލީމީ މަރުކަޒަކީ އޯލެވެލްއާއި އޭލެވެލްގެ ފަޚުރުވެރި ނަތީޖާތައް ހޯދުމުގައި ފާހަގަކޮށްލެވޭ ސްކޫލެކެވެ. އެ ސްކޫލުގެ ދަރިވަރުން ވަނީ ސްކޫލުން ކަނޑައަޅާފައިވާ ޓާގެޓަށްވުރެވެސް މަތިން، ރަނގަޅު ނަތީޖާ ނެރިފައެވެ.
ޕްރިންސިޕަލް ޝިފާޒު ވިދާޅުވިގޮތުގައި އެ ސްކޫލްގެ ދަރިވަރުން މިފަހަރު ހޯދާފައިވާ ނަތީޖާއަކީ ސްކޫލާއި ސްކޫލަށް ނިސްބަތްވާ ހުރިހާ ފަރާތްތަކަށް ހޯދައިދިން ވަރަށް ފަޚުރުވެރި ނަތީޖާއެކެވެ.
advertisment
ހިޔާލު