އެމްބިއުލާންސްތައް މަރާމާތުކުރުމަށް ޓެކްނީޝަނުންނަށް ތަމްރީނު ކުރަނީ

ޓެކްނީޝަނުން ތަމްރީނުކުރުމަށް ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ : މިނިސްޓްރީ އޮފް ހެލްތު

ރާއްޖޭގެ ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ބަލަހައްޓާ ޓެކްނީޝަނުން ތަމްރީނުކުރުމަށް ހެލްތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތްކުރާ 18 ޓެކްނީޝަނަކަށް، ތިން މަސް ދުވަހުގެ މެއިންޓެނަންސް ޓްރެއިނިންގ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ ޓްރެއިނިންތަކުގެ ސަބަބުން ޓެކްނީޝަނުންގެ ފަންނީ ޤާބިލުކަން އިތުރުވެ، އެމްބިއުލާންސް ފަދަ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުކުރެވި މަރާމާތުގެ ހަރަދު ކުޑަވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވީ 180އަށް ވުރެ ގިނަ ރަށުގައި ހުރި ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުމަކީ އެ މިނިސްޓްރީއަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. އަދި ވިސްނުމަކީ މިހާރު ތަމްރީނުކުރާ މީހުންގެ ތަމްރީނުތަކަށްފަހު އެމީހުންގެ ފަރާތުން އެހެން މީހުންނަށް ދަސްކޮށްދިނުމަށްކަމަށާއި އެގޮތަށް ކުރިއަށް ގެންދެވިއްޖެ ނަމަ، އެ މައްސަލަ ހައްލުވާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢްލީމް ފޯރުކޮށްދިނުމާއި ފަންނުވެރި މީހުން ބިނާކުރުމަށް މަސައްކަތްކުރަމުންދާ ޓްރެއިނިންގ އިންސްޓިޓިއުޓެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *