އޭ ލެވެލްގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުން ސައްސައިންސައްތައިގެ ކާމިޔާބެއް

ރ. އަތޮޅު ތަޢުލީމީ މަރުކަޒު
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާސްރޫމުގައި: ކޮންމެ ކުއްޖަކަށް ވެސް ވަކި ޓާގެޓް ތަކެއް ކަނޑައަޅައިގެން މަސައްކަތް ދަނީ ކުރަމުން- ފޮޓޯ: ރ. އަތޮޅު ތަޢުލީމީ މަރުކަޒު

އޭލެވެލްގައި ބައިވެރިވި ހުރިހާ ކުދިން ފާސްވުމަކީ ބޮޑު ކާމިޔާބެއްގެ ގޮތުގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުން ސިފަކޮށްފިއެވެ.

ޕްރިންސިޕަލް އަހުމަދު ނައީމް ދަރިވަރު ނޫހަށް ވިދާޅުވީ އޭލެވެލްގެ ނަތީޖާ ސައްސައިންސައްތަ ކާމިޔާބު ވުމަކީ ފާއިތުވި އަހަރު ހޯދުނު ވަރަށް މުހިންމު ކާމިޔާބެއް ކަމަށެވެ. އެޑެކްސެލްގެ އޭލެވެލް އިމްތިޙާނުގައި އެ މަރުކަޒުން ބައިވެރިވީ ސާދަ ދަރިވަރުންނެވެ.

އޭނާ ވިދާޅުވީ  2019 ވަނަ އަހަރު ފާސްވީ 80 އިންސައްތަ ދަރިވަރުން ކަމަށާއި، ސައިންސާއި ބިޒްނަސް ސްޓްރީމުން އިމްތިޙާން ހެދި ހުރިހާ ކުދިން 2021 ވަނަ އަހަރު ފާސްވުމަކީ އުއްމީދު ކުރިވަރަށް ވުރެ ބޮޑު ކާމިޔާބެއް ކަމަށެވެ.

" އަޅުގަނޑުމެންގެ ޓާގެޓާއި އުއްމީދު ޙާޞިލްވެއްޖެ. ދެން އޮތީ މި ޓާގެޓް ދެމެހެއްޓުން" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އޯލެވެލްގައި ފާސްވި ރޭޓް ހުސްވި އަހަރު ހުރީ 74 އިންސައިގައި ކަމަށާއި، މި އަހަރުގެ ޓޭގެޓަކީ އެ އަދަދު 80 ގައި ހިފެހެއްޓުމެވެ.

ނަތީޖާ ރަނގަޅު ކުރުމަށް ސްކޫލް ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ނައީމް ވިދާޅުވިއެވެ. އޯލެވެލްއާއި އޭލެވެލްއަށް ޚާއްޞަކޮށްގެން ތަފާތު ޕްރޮގްރާމްތައް އެ މަރުކަޒުން ކުރިއަށް ގެންދެއެވެ. މީގެ ފަސް އަހަރު ކުރިން ތައާރަފު ކުރި " ފައްސިޔަ" ޕްރޮގްރާމަކީ މި މަސައްކަތުގެ ފެށުމެވެ. އެ ޕްރޮގްރާމުގެ ދަށުން ވަކިވަކި މާއްދާތަކަށް އަމާޒުކޮށްގެން ބާއްވާ ކޭމްޕްތަކާއި، ސްޓަޑީކޭމްޕްތަކާއި ކައިރި ރަށްރަށަށް ތަޖުރިބާ ހޯދުމުގެ ތަފާތު ދަތުރުތައް ކޮންމެ އަހަރަކު ވެސް ފުރުޞަތު ލިބޭ ވަރަކުން ދަނީ ބާއްވަމުންނެވެ.

" ސްޓަޑީޒްގެ ވޯކްޝޮޕްތައް ކުދިންނަށް އަމާޒުކޮށް އެބަ ހިންގަން. ކޮންމެ ޓާމެއްގައިވެސް ކޮންމެ ކުއްޖެއްގެ ވެސް ޓާގެޓެއް އަބަ ކަނޑައަޅާ. އެ ޓާގެޓަށް އެކުއްޖަކަށް ދެވުނުތޯ އެބަބަލަން. މި ހުރިހާ މައުލޫމާތެއް ވެސް ބެލެނިވެރިންނާ އެބަ ހިއްސާކުރެވޭ" ނައީމް ވިދާޅުވިއެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރީ ސްކޫލުން ފެށިގެން 12އާ ހަމައަށް 464 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *