ނ.ކުޑަފަރީ ސްކޫލުގައި ޕްރީސްކޫލުގެ ބޭބީ ނާސަރީ އަދި ނާސަރީ ހިންގަން އެ ރަށު ކައުންސިލާއި ކުޑަފަރީ ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ކުޑަފަރީ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކައުންސިލްގެ ރައީސް ޢަލީ ޝަމީމް މުހައްމަދު، ކުޑަފަރި ސްކޫލްގެ ފަރާތުން އެ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ޙުސައިން އެވެ.
ޕްރީސްކޫލް ހިންގުމުގައި އެ ރަށު ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ކުޑަފަރީ ސްކޫލުން މަސައްކަތް ކުރަމުންދާނެކަމަށް އެ ސްކޫލުން ބުނެއެވެ. މާލީ އެހީތެރިކަމާއި ކްލާސްރޫމަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އެހީތެރިވެދިނުމަށް ހަމަޖެހިފައިވާއިރު، ސްކޫލުގެ ކިޔަވައިދިނުމުގެ ފެންވަރާއި، ޓީޗަރުންގެ ފެންވަރު ބެލުމާއި، ސުޕަރވައިޒްކުރުމާއި އެއްބާރުލުން ދިނުމަށް ކުޑަފަރީ ސްކޫލުން ވަނީ އެއްބަސްވެފައެވެ.

ކުޑަފަރިއަކީ ކުޑަ ރަށަކަށްވުމާއިއެކު އާބާދީގެ ގޮތުންވެސް ކުޑަ ރަށެކެވެ. އެހެންނަމަވެސް އާބާދީގައި 800 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށުގައި ޕްރީސްކޫލުގެ ބޭބީ ނާސަރީ އަދި ނާސަރީ ގާއިމުވުމަކީ މުހިއްމުކަމެއްކަމަށް އެ ސްކޫލް ޕްރިންސިޕަލް އަޙްމަދު ޙުސެއިން ދެކިލައްވައެވެ. އަދި ލިބޭ އެހީތެރިކަމާއެކީ، ވީ އެންމެ ރަނގަޅަކަށް ނާސަރީގެ ކިޔެވުން ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ޕްރިންސިޕަލް ވަނީ ދެއްވާފައެވެ.

ކުޑަފަރީ ސްކޫލުގައި މިހާރު ކިޔަވައިދެމުންދަނީ އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް އެކަކުން ދިހައަކަށެވެ.
advertisment
ހިޔާލު