ފުރަތަމަ ހަފްތާގައި މާލޭގެ ސްކޫލްތަކުގައި ގުރޭޑް އެކަކުން އަށަކަށް ކިޔަވައިދޭނީ ދެ ދުވަހު: އެޑިއުކޭޝަން

ދެވަނަ ޓާމުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާއިރު، ކޮވީޑުން ރައްކާތެރި ވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ފުރަތަމަ ހަފްތާގައި މާލޭގެ ސްކޫލްތަކުގެ ގުރޭޑް އެކަކުން އަށަކަށް ކިޔަވައިދޭނީ ދެ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އަނެއްކާވެސް ކޯވިޑް-19ގެ ވައިރަސް ހަލުއިކަމާއިއެކު ފެތުރެމުންދާތީ ރާއްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދަނީ އަންގަމުން ކަމަށާއި، އެހެންކަމުން ދިރާސީ އަހަރުގެ ދެވަނަ ޓަރމްގެ ކިޔަވައިދިނުން ސްކޫލްތަކުގައި 16 ޖަނަވަރީ ގައި ފަށާއިރު މާލޭގެ ސްކޫލްތަކުގައި ފުރަތަމަ ހަފްތާގައި ކިޔަވައި ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޚާއްސަ ސަމާލުކަން ދީގެން ކަމަށެވެ.

ރައްކާތެރި ކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ގައި ދުރުކަން ދެމެހެއްޓުމާއި، ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުންބެލުން އަދި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުމާއި، ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓު ދުރުމިން ބެހެއްޓުން ހިމެނެއެވެ. އަދި ގްރޭޑް 1 އިން 8 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމާއި މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުމާއި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދޭ އިރުޝާދުތަކަށް އަމަލުކުރަން ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވަކި ސްކޫލްތަކުގެ ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް އެ ސްކޫލްތަކުން ބެލެނިވެރިންނާއި ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

މާލެ ހިމެނޭ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން މާލެއިން ރަށްރަށަށް ދާނަމަ ޕީސީއާރު ޓެސްޓް ހެދުން ވަނީ މަޖުބޫރުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *