އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާޖަމާލުއްދީން ހުރި ބިން ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެކަމުގައި މައްޗަށްގޯޅި އަވަށުގެ ރައްޔިތުންގެ ޙިޔާލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ބާޖަމާލުއްދީން ހުރި ބިމަކީ ޕާކެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމާފައި އޮތް ބިމަކަށްވާތީ އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް އެހެން ބިމެއް ހަމަޖެއްސުމަށް މައްޗަށްގޯޅިއަށް ނިސްބަތްވާ ކައުންސިލަރު އަހްމަދު ޒަމީރު ޤަރާރެއް ހުށަހަޅުއްވާފައިވެއެވެ. ކައުންސިލް މެމްބަރުން މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ ރައްޔިތުންގެ ޙިޔާލު ހޯދުމަށެވެ.

ޒަމީރު ވިދާޅުވީ ބާޖަމާލުއްދީންގެ ބިން ހިމެނޭ ސަރަހައްދަކީ މާލޭގައި މިވަގުތުވެސް ޓްރެފިކް އެންމެ ބާރު ބޮޑު ސަރަހައްދު ކަމަށެވެ. އެ މައްސަލަ އެހެން އޮތްއިރު އެތަނުގައި އިތުރު ސްކޫލެއް އެޅުމަކީ ޓްރެފިކްގެ މައްސަލަ އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ޒަމީރު ފާހަގަކުރެއްވި އެވެ. އެހެންވެ މާލޭގެ ބޮޑެތި މަގުތަކަށްވާ ގޮތަށް އަދި ބަސް ދަތުރުތައް ކުރެވޭ ގޮތަށް ހުންނަ މަގުތަކަށްވާ ގޮތަށް ސްކޫލުތައް އެޅުމުގެ ޙިޔާލުވެސް ޒަމީރު ވަނީ ހުށަހަޅުއްވާފައެވެ.
ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލު އެޅުމާމެދު މައްޗަށްގޮޅި ރައްޔިތުންގެ ހިޔާލު ހުރިގޮތް ބެލުމުގެ ބައްދަލުވުން ބޭއްވުމަށް ނިންމީ އަންނަ ހަފްތާގެ އަންގާރަ ނުވަތަ ބުދަ ދުވަހުގެ ތެރެއިން ގިނަ ކައުންސިލަރުންނަށް ފަސޭހަ ދުވަހަކަށެވެ. މިބައްދަލުވުމުގައި ބައިވެރިވުމަށް އަރަބިއްޔާ ސްކޫލާ ގުޅިފައިވާ އިދާރާތަކަށާއި އަރަބިއްޔާގެ ބެލެނިވެރިންނަށް ދައުވަތު ދެއްވުމަށްވެސް މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެންގެވި އެވެ.
އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު ސްކޫލަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއެވެ. އެ ސްކޫލް އެޅުމަށް ބާ ޖަމާލުއްދީނުގެ ބިން ހަމަޖެއްސެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އަރަބިއްޔާގެ ބެލެނިވެރިންނާ ބައްދަލުކުރެއްވުމަށްފަހު އެެވެ.
މިހާރު އަރަބިއްޔާ ސްކޫލް ހުރި އިމާރާތުގައި ރެނދުލައިފައިވާތީ އެތަނުގައި ކިޔަވައިދިނުން ރައްކާތެރިކަމަކަށް ނުވުމުން އަންނަ އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވާއިރު އަރަބިއްޔާގެ ދަރިވަރުން ކިޔަވަން ދާނީ މިދިޔަ އަހަރު ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތަށެވެ.
advertisment
ހިޔާލު