ކޮވިޑް-19ގެ ވޭދަންތައް ރާއްޖާގައި އިތުރުވާންފަށާފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭގެ އަމާޒަކީ ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫ ނާރާނެފަދަ ގޮތަކަށް މި ޕެންޑެމިކް ކޮންޓްރޯލުކުރުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން މިއަދު ހެނދުނު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ކޮވިޑް-19 ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާތީ ކޮންމެ ދުވަހަކުވެސް ކޮވިޑުގެ ހާލަތު ރިވިއުކުރަމުންދާކަމަށާއި އަދި އެޗްޕީއޭގެ އަމާޒަކީ ސްކޫލުތަކުގެ ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެގޮތަކަށް ޕެންޑެމިކް ކޮންޓްރޯލު ކުރުން ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ސްކޫލުތަކުގެ ކިޔެވުން ކުރިއަށްދާނެގޮތުގެ އިތުރު ނިންމުންތަކެއް ނިންމާނީ ކުރިއަތް އޮތް ތިން ދުވަހުގެ ވޭދަންތަކަށް، ބަލައި އެޑިއުކޭޝަން މިނިސްޓްރީއާވެސް މަޝްވަރާކޮށްފައިކަމަށެވެ.
ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް އެއް ހަފްތާއަށް ވެފައިވާއިރު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުރިހާކަމެއްވެސް ކުރިއަށް ގެންދިޔުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން މާސްކް އެޅުމާއި، ގައި ދުރުކަން ދެމެހެއްޓުމާއި އަދި ސެނިޓައިޒްކުރުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ސްކޫލުން ހަނދާންކޮށްދިނުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.
ސްކޫލުތަކާއި ސަރުކާރުގެ އިދާރާތައް ގުޅިގެން ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ހޯދަމުންދާކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކޮވިޑް ކޮންޓްރޯލު ކުރެވޭނީ ސަރުކާރާއި ރައްޔިތުންގެ އެއްބާރުލުން ލިބިގެންކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު