މުދައްރިސުންނާއި ދަރިވަރުން އަވަހަށް ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފި

ޗުއްޓީގައި ރަށުން ބޭރުގައި ތިބި މުދައްރިސުންނާއި ދަރިވަރުން ވީހާ ވެސް އަވަހަކަށް އެނބުރި ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަންނަ އާދީއްތަ ދުވަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާއިރު، ހުރިހާ ދަރިވަރުންނާއި މުދައްރިސުން ސްކޫލަށް ހާޒިރުވުމަކީ އެ މިނިސްޓްރީގެ ވަރަށްބޮޑު އެދުމެއް ކަމަށާއި، ސްކޫލްތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން އިސްކަންދޭ ކަމަށެވެ.

އެ މިނިސްޓްރީން މިފަދަ ބަޔާނެއް ނެރުނީ، މާލޭ ސަރަހައްދުގައި ކޯވިޑް-19އަށް ފައްސިވާ އަދަދު ސާމްޕަލްތަކުގެ އަދަދުގެ ނިސްބަތުން އިންސައްތައަށް ވުރެ މަތިވެފައި ވާތީ މާލޭން އެހެން ރަށްރަށަށް ދަތުރު ކުރައްވާ ފަރާތަތަކަށް 72 ގަޑިއިރުގެ ޕީސީއާރު ނެގެޓީވް ޓެސްޓެއް ހިއްޕަވައިގެން ނޫނީ ދަތުރު ނުކުރެވޭގޮތަށް އެޗްޕީއޭއިން ނިންމި ނިންމުމަށް ކުރިއަށް އޮތް ދެ ދުވަހަށް ދިން ލުޔާ ގުޅިގެންނެވެ.

ކުރިއަށްް އޮތް ދެދުވަސް ތެރޭގައި މާލޭން ރަށްރަށަށްް ދަތުރުކުރަންޖެހޭ ފަރާތްތަކަށް ދެ ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ދީފައެވެ. އެ ގޮތުން މާލޭން ސާމްޕަލް ނެގުމަށްފަހު ދަތުރުކޮށްް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހެއެވެ. އަދި ރަށަށް ދަތުރުކޮށް ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށްފަހު ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *