ފްލައިންގް ސްކޫލްގެ ކިޔެވުން މިއަދު ފަށައިފި

އައްޑޫ ފްލައިންގް ސްކޫލްގެ ކިޔެވުން މިއަދު ފަށައިފިއެވެ.

"މޯލްޑިވްސް އޭވިއޭޝަން އެކަޑަމީ"ގެ ނަމުގައި ރާއްޖޭގެ ގައުމީ ފްލައިންގ ސްކޫލްގެ ކިޔެވުން މިއަދު ފެށިއިރު އެ ސްކޫލްގައި ފުރަތަމަ ކުރިއަށް ގެންދާނީ ރިފްރެޝިން ކޯހެއްކަމަށް އައިލެންޑް އޭވިއޭޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވަނީ ވިދާޅުވެފައެވެ. މި ކޯހަށް ދައްކަންޖެހޭ ފައިސާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ލޯނުގެ ގޮތުގައި ދަރިވަރުންނަށް ދޫކުރަން ވަނީ ނިންމާފައެވެ.

އައްޑޫ ފްލައިންގް ސުކޫލްގައި ކިޔަވަމުންދިޔަ 100 އެއްހާ ދަރިވަރުންނަށް ނުކިޔެވި އެތައް ދުވަހަކަށް މެދުކެނޑިފައި އޮއްވާ ފްލައިންގ ސުކޫލް ހިންގުމާ އައިލެންޑް އޭވިއޭޝަނުން ވަނީ ހަވާލުވެފައެެވެ. މިފްލައިންގ ސްކޫލް ހިންގުމަށް ހަމަޖެހިފައި ވަނީ އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ ދަށުންނެވެ.

ރިފްރެޝިން ކޯހެއް ހިންގުމަށް ނިންމާފައި ވަނީ ދަރިވަރުން ޓްރެއިނިންގއާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ތަމްރީން ލިބިފައިހުރި މިންވަރު ވަޒަންކުރުމުގެ ގޮތުންކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

 

ފޮޓޯ :- ޓައިމްސް އޮފް އައްޑޫ

މިސްކޫލުން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމައިފައިވާއިރު، ފުރަތަމަ ބެޗުން 30 ކުދިންނަށް ޖާގަ ދޭނެއެވެ.

ފްލައިން ސްކޫލުގެ ކިޔެވުން ފަށާއިރު އެންމެ ފުރަތަމަ އިސްކަމެއްދޭނީ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލުން ތަފާތު ސަބަބުތަކާހެދި ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ. އަދި ދަރިވަރުންގެ ކޯސް ފީގެ އަގުތަކަށް ދެވެން ހުރި ލުއިތަކެއް ދޭނެކަމަށް އެކުންފުނިން ބުނެއެެވެ.

އެމްއެންޔޫ އާއި އައިއޭއެސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުނީގެ އޭވިއޭޝަން އެކަޑަމީ ހިންގާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގާފައިވަނީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަން ސާވިސްއާ ގުޅިގެން " މޯލްޑިވްސް އޭވިއޭޝަން އެކަޑަމީ" ހުޅުވާފައެވެ. ރަސްމީކޮށް އެކަޑެމީ ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *