ކޮވިޑް 19 ކޭސްތައް ރާއްޖޭގައި އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސްކޫލްތަކުން ފަށައިފިއެވެ.
ފާއިތުވި ދެ ހަފްތާއެންހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރުވާން ފަށާފައިވާއިރު، ރައްކާތެރި ފިޔަވަޅުތައް ސްކޫލްތަކުގައި އަޅަން ފެށީ، ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށްފަހު އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވާނެތީއެވެ.
ހުރިހާ ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓަރު ސޮއިކުރައްވައި، ފޮނުވި ސާކިއުލާގައި ވިދާޅުވެފައި ވަނީ ރައްކާތެރި ވުމުގެ ގޮތުން މައިގަނޑު ފަސް ކަމެއް ތަންފީޒު ކުރުމަށެވެ.
ސްކޫލްތަކުން އަޚަން އެންގި ފިޔަވަޅުތަކަކީ:
ބޭރުން އަންނަ ކުދިން އަދި ސްކޫލް މުވައްޒަފުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދައި އަދި އެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމާއި،
މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ކުއްޖަކު ނުވަތަ މުވައްޒަފަކު އެ ރަށަކަށް ގޮސް 3-4 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމާއި،
ސްކޫލްގެތެރޭގައި ކުދިންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް މާސްކް އަޅައިގެން ތިބުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުރުމާއި،
މި ދުވަސްވަރު ސްކޫލުގެ ތެރޭގައި ގްރޫޕް ހަދައިގެން އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކު ވެސް ކައިބޮއި ނުހެދުމާއި،
ސްކޫލްގެތެރޭގައި ގާއިމު ކޮށްފައިވާ "އިންފެކްޝަން މެޝާސް" ގެ ކަންކަން ފުރިހަމަ އަށް ތަންފީޒުކުރުމެވެ.
ސްކޫލްތަކުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އެންގިއިރު، މާލެއިން ރަށްރަށަށް ދާ މީހުން ސީޕީއާރު ޓެސްޓް ހަދަން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ. އަދި ދެވޭނީ އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެ ނަމައެވެ.
ކޮވިޑްއާ ގުޅިގެން 2020 އަހަރުގެ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލާފައެވެ. ކޮވިޑްއާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއްބަޔަކީ ކިޔަވާ ކުދިންނެވެ.
advertisment
ހިޔާލު