ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އައްޑޫ ސިޓީ ކައުންސިލް އިދާރާ ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ލާމަސީލު ޒުވާނާ ކޭމްޕު ނިންމާލައިފިއެވެ.
އައްޑޫ ސިޓީ ހައިސްކޫލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހައަރ އެޑިއުކޭޝަން،އިބްރާހީމް ހަސަން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ބައެއް އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ކައުންސިލާއި އެހެނިހެން ސްކޫލްތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސެޕްޓެމްބަރ 26 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީ ހައި ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި އެކި 91 ޒުވާނުން ބައިވެރިވެފައިވެއެވެ. އެއީ 43 އަންހެން ބައިވެރިންނާއި 48 ފިރިހެން ބައިވެރިންނެވެ.


ލާމަސީލު ޒުވާނާ ކޭމްފުގައި، އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތަކާއި، ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އަލިފާނުގެ ހަދިސާތަކުގައި ޢަމަލުކުރާނެގޮތްތައް ދަސްކޮށްދިނުމަށް ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޑޮމެސްޓިކް ހައުސް ވަޔަރިންގ އާއި އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު ޢަމަލުކުރަންޖެހޭ ގޮތްތަކާއި ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި ލީޑަރޝިޕްގެ ބައިތަކުގެ އިތުރުން ރެޕަލިންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރުމަށް ކުރެވޭނެ ކަންތައްތަކާއި ދިރިއުޅުމުގައި އާއްމުކޮށް ދިމާވާ މައްސަލަތައް ހައްލުކޮށް ކުރިއަށްދާނެ ތަފާތު ގޮތްތައް ދަސްކޮށްދީފައިވެއެވެ.

ކޭމްޕް ނިންމުމުގެ ރަސްމިއްޔާތަށްފަހު މިނިސްޓަރ އޮފް ހައަރ އެޑިއުކޭޝަން،އިބްރާހީމް ހަސަން ވިދާޅުވެފައި ވަނީ "ޤައުމީ ރޫޙް ހުރި، ވަޘަން ދެކެ ލޯބިވާ، ޒިންމާދާރު ޒުވާން ޖީލެއް އުފެއްދުމަކީ ޤައުމަށް ލިބޭނެ ވަރަށް ބޮޑު ނަސީބެއް" ކަމަށެވެ. އަދި "ލާމަސީލް ޒުވާނާ" މި ކޭމްޕަކީ ހުރިހާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ވަރަށް މުހިއްމު ހަރަކާތެއް ކަމަށް މިނިސްޓަރ ހާމަކުރައްވާފައިވެއެވެ.
ޒުވާނުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ކޭމްޕަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ އަދި ގައުމިއްޔަތާއި ދީނަށް ލޯބިކުރާ ބަޔަކަށް ހެދުމުގެ އިތުރުން މަސައްކަތުގެ މާހައުލަށް ޝައުގުވެރި އަދި މަސައްކަތުގެ އަޙްލާގު ދަމަހައްޓައި ނަމޫނާ ބަޔަކަށް ހެދުމުގެ މަޤުސަދުގައި ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ގުޅިގެން ހިންގުނު ކާމިޔާބު ކޭމްޕެކެވެ.
advertisment
ހިޔާލު