ނ. ހޮޅުދޫ، މޭނާ ސްކޫލް އެއް ކެމްޕަހަކަށް ހެދުމުގެ މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ހޮޅުދޫ ރައްޔިތުންނާއި، ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަކިވަކީން ބައްދަލުކުރައްވުމަށްފަހުގައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ މޭނާ ސްކޫލް މިހާރު ދެ ކެމްޕަހެއްގެ ގޮތުގައި ހިންގަމުން ދާތީ ދިމާވާ ދަތިތައް ޙައްލުކުރެއްވުމަށް ކަމާގުޅޭ މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށްފަހު ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް މޭނާ ސްކޫލްގެ ކަންކަން ކުރިއަށްގެންދަވާނެކަމަށެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މޭނާ ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ޓީމަކާއި ބައްދަލުކުރައްވާ ސްކޫލާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ސްކޫލްގެ މެނޭޖްމަންޓުންވަނީ މޭނާ ސްކޫލް އަލުން ޢިމާރާތްކުރުމުގައި ކޮލިޓީ ހިފެހެއްޓޭނެ ގޮތެއް ކަށަވަރުކޮށްދެއްވުމަށް ދަންނަވާފައެވެ.
މީގެ އިތުރުން މި ބައްދަލުވުންތަކުގައި ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ކުޅިވަރު ތަރައްޤީކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ވިސްނުން ހުރިގޮތާއި ގުޅޭ ގޮތުން އެ ބޭފުޅުން ވަނީ ޝުޢޫރު ފާޅުކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުދޫގެ ތަރައްޤީއަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ނ.އަތޮޅު މާފަރު، ލަންދޫ، މަނަދޫ، މަގޫދޫ އަދި ހޮޅުދޫއަށް ޒިޔާރަތްކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި، އެ މަނިކުފާނާއެކު ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
advertisment
ހިޔާލު