ޔޫޑަބްލިޔުސީ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޔޫޑަބްލިޔުސީގެ ބައިވެރިން؛- ފޮޓޯ: ޔޫޑަބްލިޔުސީ މޯލްޑިވްސް

ޔޫޑަބްލިޔުސީ ސްކޮލަރޝިޕް 2022 އަށް ކުރިމަތިލުމުގެ ފުރުސަތު ޔޫޑަބްލިޔުސީ މޯލްޑިވްސްއިން ހުޅުވައިލައިފިއެވެ.

މި މަހު 29ގެ ނިޔަލަށް ހުޅުވާލެވިފައިވާ މި ފުރުސަތުގައި، ޖިސްމާނީ، ނަފްސާނީ އަދި ދަސްކުރުމުގެ ގޮތުން ނުކުޅެދޭ ކުދިން ކުރިމަތިލުމަށް ބާރުއަޅައެވެ.

ޔޫޑަބްލިޔުސީއަކީ 1962 ވަނަ އަހަރުގެ ފިނި ހަނގުރާމައިގެ ދުވަސްވަރު އުފެދިގެން ދިޔަ ޔުނައިޓެޑް ވަރލްޑް ކޮލެޖުތަކެކެވެ.  ޔޫޑަބްލިޔުސީގެ ޖުމްލަ 18 ސްކޫލް ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ޤާއިމްކުރެވިފައެވެ.

މި ސްކޫލްތަކުން ވޭތުވެދިޔަ 18 އަހަރު، ދިވެހި 50 ދަރިވަރުން ވަނީ ތަޢުލީމު ހާސިލްކޮށްފައެވެ. އަދި ޔޫޑަބްލިޔުސީން ވަނީ މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުސަތުވެސް ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކުން ހޯދަދީފައެވެ.

 

ޔޫޑަބްލިޔުސީން ބޭއްވި ސެޝަނެއްގެ ތެރެއިން. ފޮޓޯ: ޔޫޑަބްލިޔުސީ މޯލްޑިވްސް

ޔޫޑަބްލިޔުސީ ސްކޮލަރޝިޕަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށްވުމާއި، ފޯމު ހުށަހަޅާ ވަގުތު 15 އަހަރާއި 17 އަހަރާދެމެދުގެ މީހަކަށްވުން،  އަދި ގްރޭޑް 10އެއްގެ ޖުމްލަ ނަތީޖާގެ ގޮތުގައި ސީ ފާސް ނުވަތަ މަތިން ލިބުމާއެކު ޔުނައިޓެޑް ވަރލްޑް ކޮލެޖުތަކާއި ބެހޭގޮތުން މަޢުލޫމާތު އެނގި، ދެ އަހަރުގެ މުއްދަތަށް ރަށުން ބޭރުގައި ހުރުމަށް ތައްޔާރުވެފައިވާ ކުއްޖެއްކަމުގައި ވާންޖެހެއެވެ.

ޔޫޑަބްލިޔުސީގެ މިއަހަރުގެ ސްކޮލަރޝިޕަށް ހުށަހެޅުމަށްފަހުވެސް ތިން ހަރުފަތަކުން ފާސް ވާން ޖެހެއެވެ. އެއީ ލިޔުމުގެ ބަޔަކާއި، 1-2 ދުވަހުގެ ކޭމްޕަކާއި އަދި އިންޓަރވިއުގެ ބައެވެ.

މި ސްކޮލަރޝިޕަށް ހުށަހެޅުމަށް ފުރިހަމަކޮށްފައިވާ ފޯމު ފޮނުވަންޖެހެނީ  info.mv@nc.uwc.net މި އީމެއިލް މެދުވެރިކޮށެވެ.

ނުވަތަ ޔޫޑަބްލިޔުސީ މޯލްޑިވްސް ނޭޝަނަލް ކޮމިޓީ/ ޢަލިފުޅު ތުއްތު ފައުންޑޭޝަން، ޗަމްޕާ ބިލްޑިންގގެ 3 ވަނަ ފަންގިފިލާ އިންވެސް ފޯމު ބަލައިގަންނާނެއެވެ.

ގްލޯބަލް އިޝޫ ސެޝަނެއްގެ ތެރެއިން؛- ފޮޓޯ: ޔޫޑަބްލިޔުސީ މޯލްޑިވްސް

ފިނި ހަނގުރާމައިގެ ހަލަބޮލިކަމުގެ ވޭނާއި އުނދަގޫ ތަހައްމަލް ކުރަމުން ދިޔައީ ޒުވާން ކިޔަވާ ކުދިން ކަމުން، އެކުދިންނަށް އަމާން ސުލްހަވެރި ތަޢުލީމީ މާހައުލެއް ޤާއިމް ކޮށްދިނުމުގެ މަޤްސަދުގައި އުފެދިގެންދިޔަ ޔޫޑަބްލިޔުސީގެ ސްކޫލުތައް އެމެރިކާ، އެފްރިކާ، ޔޫރަޕް، އަދި އޭޝިޔާ-ފެސިފިކްގައި ވަނީ ޤާއިމްކޮށްފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *