ޓެކްނޮލޮޖީ އަކީ ޕެޑަގޮޖީއެއް ނޫނެވެ!

އިބްރާހީމް އާދަމް

އުނގަންނައި ދިނުމަށް މަސައްކަތް ކުރާ ކޮންމެ ފަރާތެއްގެ ވެސް އަމާޒަކީ ދަރިވަރުންނަށް ކާމިޔާބު އުނގެނުމުގެ ޕްރޮސަސްއެއް ކުރިއަށް ގެންދެވޭނެ ފަދަ އުނގެނުމުގެ މާހައުލެއް ޤާއިމް ކޮށްދިނުމެވެ. އެހެންކަމުން ދަރިވަރުން ޝައުގުވެރިވާ ފަދަ، އެ ދަރިވަރުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ފިލާވަޅުތަކެއް ފަރުމާކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަބަދުވެސް އުނގަންނައި ދިނުން އިތުރަށް ތަރައްޤީކުރުމަކީ އުނގަންނައި ދިނުމުގައި ހަރަކާތްތެރިވާ ކޮންމެ ފަރާތެއްގެވެސް މަޤްޞަދަކަށް ވަނީ ވެފައެވެ. ޓެކްނޮލޮޖީއަށް އައި ކުރިއެރުމާއެކު އުނގެނުމާއި އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަކީ ޝައުގުވެރިކަމާއެކު ދަރިވަރުން ފިލާވަޅުތަކުގައި ބައިވެރިވާ ސަބަބެއްކަމުގައި ފާހަގަކުރެވުނު ހިސާބުން މުދައްރިސުންނާއި، އެދުރުންނާއި އަދި ދާރިސުން މިވަނީ އެ ފަރާތްތަކުގެ އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރަން ފަށާފައެވެ. އަދި މިކަމުގައި އެންމެ ރަނގަޅު އިސްތިރާޖީތަކާއި ގޮތްތައް ދެނެގަތުމުގެ މަސައްކަތް ތާއަބަދު ގެންދަނީ ކުރަމުންނެވެ. އެހެންނަމަވެސް އަޅުގަނޑުމެން ދަންނަންޖެހޭ ހަޤީޤަތަކީ ކިލާހުގައި ޓެކްނޮލޮޖީގެ ވަޞީލަތެއް ބޭނުންކޮށްލުމަކީ އަދި ޑިޖިޓަލް ޕެޑަގޮޖީއާ އެއް ހަމައެއްގައި މިންކުރެވޭނެ ކަމެއް ނޫންކަމެވެ.

ޕެޑަގޮޖީ އަކީ އުނގަންނައި ދިނުމާ ގުޅިފައިވާ ސައިންސެވެ. އުނގަންނައި ދިނުމުގައި ބޭނުންކުރާ އުކުޅުތަކާއި ހުނަރުތަކާއި ގޮތްތަކެވެ. އެހެންކަމުން ކާމިޔާބު މުދައްރިސަކަށް ވުމަށް ޓަކައި ހަމައެކަނި ކޮންޓެންޓާއި ކަރިކިއުލަމްއަށް ފަރިތަވުމަކުން ނުފުދެއެވެ. މީގެ އިތުރުން ދަރިވަރުންގެ ބޭނުންތަކަށް ބަލައި އެންމެ ރަނގަޅު އިންސްޓްރަކްޝަނަލް މެތަޑް ޚިޔާރުކޮށް ވަގުތާއި ހާލަތާއި ދަރިވަރުންގެ ފެންވަރަށް ބަލައި އިންސްޓްރަކްޝަނަލް ސްޓްރެޓެޖީ ބަދަލުކޮށް އުނގެނުމުގެ މަޤްޞަދުތައް ކޮންމެ ޙާލަތެއްގައި ވެސް ޙާޞިލްކޮށްދެވޭނެ ފަދަ ޤާބިލް ބަޔަކަށް ވާންޖެހެއެވެ. އެހެންކަމުން ކިލާހުގައި ކުރިއަށް ގެންދާނީ ތަޤްރީރެއްތޯ ނުވަތަ ޓިއުޓޯރިއަލެއްތޯ ނުވަތަ ރޯލްޕްލޭއެއްތޯ ނުވަތަ ދަރިވަރުންލައްވާ މަޒުމޫނެއް ލިޔުއްވާނީތޯ ނުވަތަ ފެންވަރު ވަޒަންކުރުމުގެ އިމްތިހާނެއް ކުރިއަށް ގެންދާނީތޯ ނުވަތަ އެހެންވެސް ގޮތެއް ޚިޔާރުކުރުމުގެ ކުރިން އުނގަންނައި ދިނުމުގެ މަޤްޞަދާއި ބޭނުން ކޮންމެ މުދައްރިސަކުވެސް ދެނެގަންނަން ޖެހެއެވެ. ލާރނިންގ ޕްރޮސަސްގައި ދަރިވަރުން ޝައުޤުވެރިކާމާއެކު ބައިވެރިވެ އުނގަންނައި ދިނުމުގެ މަޤްޞަދު ހާޞިލްކުރެވޭނެ އެންމެ ރަނގަޅު ގޮތްތައް ނުވަތަ އެޑިއުކޭޝަނަލް ޑްރައިވާސް އަކީ ކޮބައިކަން ހޯދާނީ އެއަށްފަހުއެވެ.

ކިލާހުގައި ޓެކްނޮލޮޖީ ބޭނުންކުރަމޭ ވަރަށް ގިނަ މުދައްރިސުން ބުނެއެވެ. މީގެ އިތުރުން ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން އެ މަރުކަޒުތަކުގައި އުނގެނުމާއި އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާކަން ހާމަކޮށްދީ ސަމާލުކަން ހޯދުމަށް ޓަކައި ޕަވަރޕޮއިންޓް ނުވަތަ ވެބްސައިޓްތަކާއި ކޮމްޕިއުޓަރ ރިސާރޗް ޓެކްނީކްތައް ބޭނުންކުރުމުގެ އިތުރުން ގޫގުލް ކްލާސްރޫމާއި ލާރނިންގ މެނޭޖްމަންޓް ސިސްޓަމްތަކާއި އެހެނިހެން ޑިޖިޓަލް ޑިވައިސްތައް ބޭނުންކުރާކަން ދަނީ އަންގަމުންނެވެ. އެހެންނަމަވެސް އުނގަންނައި ދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމަކީ އަދި ޑިޖިޓަލް ޕެޑަގޮޖީއަށް ޢަމަލުކުރުން ކަމުގައި ނުބެލެވޭނެއެވެ. ވަކީން ޚާއްޞަކޮށް އުނގެނުމުގެ ޕްރޮސަސްއަށް އެއިގެން އެއްވެސް ކުރިއެރުމެއް ނުވަތަ ހެޔޮ ބަދަލެއް ނާންނަ ކަމުގައި ވާނަމައެވެ. ޕޯލް ފައިފީ ބަޔާންކޮށްފައިވާ ފަދައިން "ތިބާގެ އަތުގައި އޮތީ މަރުތޭލެއް ކަމުގައިވާ ނަމަ، ކޮންމެ މައްސަލައަކާ މެދު ޢަމަލު ކުރެވޭނީ މޮހޮރުތަކެއް ފަދައިންނެވެ." މާނައަކީ ތަޤްރީރު ކުރުމުގައި ޕަވަރޕޮއިންޓް ބޭނުންކުރުމުން އެ ތަޤްރީރު ކުރުމަށް އަންނާނޭ ޕެޑަގޮޖިކަލް ބަދަލާމެދު ވިސްނާ ނުލައި ފަވަރޕޮއިންޓް ބޭނުންކޮށްގެން ތަޤްރީރުކުރުމަކީ، ޕަވަރޕޮއިންޓްގެ އެހީތެރިކަމާ ނުލައި ތަޤްރީރު ކުރުމާ އެއްފަދަ ކަމެކެވެ!

އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރަންޖެހެނީ ޓްރެންޑަކަށް ވީތީއެއް ނޫނެވެ. ނުވަތަ ފަސޭހަކަމާއެކު ލިބެން ހުރީތީއެއް ވެސް ނޫނެވެ. މިކަން އުނގަންނައި ދިނުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތަކުން ވެސް ދަންނަން ޖެހެއެވެ. އަބަދުވެސް އެންމެ އިސްކަމެއް ކަމުގައި ވާންޖެހޭނީ ފައިދާކުރަނިވި އަދި ބޭނުންތެރިގޮތެއްގައި އުނގަންނައި ދިނުން ކުރިއަށް ގެންދިއުމަށެވެ. ދަރިވަރުން ޝައުގުވެރިކަމާއެކު ފިލާވަޅުތަކުގައި ބައިވެރިވުމަށް ޓަކައި އެ ދަރިވަރުންނަށް އުނގެނުމުގެ ތަފާތު ތަޖުރިބާތައް ކުރުމުގެ ފުރުޞަތުތަކެއް ފަހިކޮށްދޭންޖެހޭކަމަށް ތަޢުލީމީ މާހިރުން ފާހަގަކުރެއެވެ. އެހެންކަމުން އުނގަންނައި ދިމުނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމުން ވެސް ދަރިވަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވެން ޖެހޭނެއެވެ. އޭގެ ސަބަބުން ކުރިން ދަރިވަރުންނަށް ތަޖުރިބާ ނުކުރެވޭ ކަންތައްތަކެއް ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބެންޖެހެއެވެ. އެހެން ނޫންނަމަ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ބޭނުމެއް ނެތެވެ. އެހެންކަމުން އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމުގައިވެސް ޕެޑަގޮޖީއަށް ސަމާލުކަން ދޭންޖެހެއެވެ. ދަރިވަރުން ޝައުޤުވެރިކަމާއެކު ފިލާވަޅުތަކުގައި ބައިވެރިވާނީ އެއިރުންނެވެ.

ޓެކްނޮލޮޖީގެ އެހީގައި ކުރިން ނުކުރެވޭ ބައިވަރު ކަންތައްތައް ފަސޭހަކަމާއެކު މިހާރު ކުރެވޭ ކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންނަމަވެސް މި ޓެކްނޮލޮޖީ އުނގަންނައި ދިނުމުގައި ބޭނުންކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ އެހީގައި އުނގަންނައިދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އުނގެނުމާއި އުނގަންނައިދިނުމުގެ ކާމިޔާބު ޕްރޮސަސްއެއް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެފައިވީ ނަމަވެސް އޭގެ ބޭނުންކުރުމުގައި އުނގަންނައި ދިނުމުގެ މަޤްޞަދު ޙާޞިލްވާކަން ކަށަވަރު ވާންޖެހެއެވެ. އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ކާމިޔާބީ ގުޅިފައިވަނީ އެ ބޭނުންކުރާންޖެހޭ ގޮތް ނުވަތަ ޕެޑަގޮޖީގެ ކޮލިޓީއާއެވެ. އަބަދުވެސް ޓެކްނޮލޮޖީ އަންނަނީ ބަދަލުވަމުން އައު ނުވަތަ ކުރިއަށްވުރެ މޮޅު ޓެކްނޮލޮޖީތައް އީޖާދުވަމުންނެވެ. އެހެންކަމުން ޕެޑަގޮޖީ އެނގުމުން ބޭނުންކުރާނެ ޓެކްނޮލޮޖީ ޚިޔާރު ކުރެވިގެންދާނެއެވެ. އެހެނީ މުޙިއްމީ ޕަވަރޕޮއިންޓެއް ނޫނެވެ. ޕެޑަގޮޖީއެވެ!

 

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *