ވަރލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022 ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓައިލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގައި ކިޔަވާ ހަ ދަރިވަރަކަށް ލިބިއްޖެއެވެ.
މި 6 ދަރިވަރުން ފޮނުވުމަށް، ސްޕޮންސަރ ދީފައިވަނީ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިންނެވެ.
ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީގައި ބާއްވަން ހަމަޖެހިފައިވާ މި ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 30 ހުން 22 ޖޫން ގެ ނިޔަލަށެވެ.

މި ކޮންގްރެސްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޝެފުން އެއްތަނަކަށް އެއްވެ، ވަރކްޝޮޕްތަށް ކުރިއަށް ގެންދެއެވެ. އަދި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހިއްސާކޮށް، މަޝްހޫރު ޝެފުންނާ ގުޅުން ބަދަހި ވެގެންދާނެ ހަރަކާތަކަށް މި ހަރަކާތްވެގެންދާނެއެވެ.
އެގޮތުން، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ތަޢުލީމީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާ، ވޯރލްޑް ޝެފްސް އެޑިޔުކޭޓަރސް ފޯރަމްއަކީވެސް މި ކޮންގްރެސްގެ ބައެކެވެ.
އަދި "ބިލް ގަލަގާ ޔަންގ ޝެފްސް ފޯރަމް" އަދި "ގްލޯބަލް ޝެފްސް ޗެލެންޖް ކަލިނަރީ ކޮމްޕެޓިޝަން" ފަދަ ބޮޑެތި ބައިނަލްއަޤްވާމީ ހަރަކާތްތަކަކީ މި ކޮންގްރެސްގެ ތެރެއިން ހިމެނޭ ހަރަކާތްތަކެވެ.

ބީބީއެމްއަކީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އެތެރެކުރަމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނިން މެދުވެރިކޮށް، ބައިނަލްއަޤްވާމީ ތަފާތު ގިނަ އެކްސްޕޯތަކާއި ކޮންފަރެންސްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ ޝެފުންނަށް ވަނީ ފުރުސަތު ދީފައެވެ. މި ޝެފުން ވަނީ، އެކި ފަހަރުމަތިން ފަޚުރުވެރިގޮތެއްގައި ރާއްޖެ ތަމްސީލުކޮށްދީފައެވެ.
މި ހަރަކާތުގައި ޖުމްލަ 83 ޤައުމެއް ބައިވެރިވެފައިވާއިރު، މިއީ ކަލިނަރީ އިންޑަސްޓްރީގައި ތަޖުރިބާކާރު ޝެފުންނާއި އަދި މިހާރު މަޝްހޫރުވަމުންދާ ޝެފުންނާ ދެމެދު ތަޖުރިބާ ހިއްސާކުރުމަށް އޮތް ފުރުސަތެކެވެ.
1928 ގައި ފެށި ވަރލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯއަކީ ކަލިނަރީ ދާއިރާގެ އެހާރާއި މިހާރުގެ ޝެފުން ދިމާވެ، މި ދާއިރާގެ ވާހަކަތައް ދެކެވިި އަދި މި ދާއިރާ ކިޔަވާ ދަރިވަރުންނަށް އައު ކަންތައްތައް ދަސްވެގެންދާ މަހާސިންތާއެކެވެ.
advertisment
ހިޔާލު