ޗާޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 150 ސްކޮލަޝިޕްގެ ފުރުސަތު ދޭން ނިންމައިފިއެވެ.
މި ސްކޮލަރޝިޕްގެ 100 ފުރުސަތު ޕްރައިވެޓް ސެކްޓަރއަށް ހާއްސަކޮށްފައިވާއިރު ބާކީ 50 ފުރުސަތު ހާއްސަކޮށްފައިވަނީ ޕަބްލިކް ސެކްޓަރއަށެވެ. މި ސްކޮލަޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ އެ މިނިސްޓްރީންނެވެ.
މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކީ ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ފެންވަރުގެ ސަނަދު ޙާސިލު ކޮށްފައިވުމެވެ.
މި ފުރުސަތުތައް ހުޅުވާލުމުގެ މައިގަނޑު އެއް މަގުސަދަކީ ދިވެހިން މި ދާއިރާއަށް ޝައުގުވެރިކޮށް ތަރައްގީކުރުމެވެ.
މީގެ އިތުރުން މި ދާއިރާ ތަރައްގީކޮށް މީހުން ތަމްރީނުކުރުމަށް އިތުރު ފުރުސަތު ހޯދައިދޭނެކަމާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ ވިދާޅުވެފައެވެެ.
ރާއްޖޭގައި އިންކަމް ޓެކްސް ދައްކާ މީހުންގެ 15 އިންސައްތައަކީ، މިދާއިރާގެ މީހުންކަން ފާހަގަކުރަމުން އެމަނިކުފާނު ވިދާޅުވެފައިވަަނީ މި ދާއިރާގައި ދިވެހިންނަށްވުރެ ބިދޭސީ އެކައުންޓެންޓުން އިތުރުކަމަށެވެ.
ޕަބްލިކް ސެކްޓަރއަށާއި ޕްރައިވެޓް ސެކްޓަރއަށް އަމާޒުކޮށްގެން ހުޅުވާލި މި ފުރުސަތުތަކަކީ، މިދާއިރާއަށް އެކައުންޓެންޓުންނާއި އޮޑިޓަރުން އުފެއްދުމަށް ނުހަނު މުހިންމު ފުރުސަތުތަކެކެވެ.
advertisment
ހިޔާލު