ފުވައްމުލަށް ސިޓީ ލައިބްރަރީން "ލިިޔުންތެރިޔާގެ އަޑުން ވާހަކަ އަޑު އެހުން" ނަމުގައި ޕްރޮގްރާމެއް ބާއްވައިފިއެވެ.
ފަސް އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްއަކީ، މި ދުވަސްވަރަކީ ސްކޫލުތައް ބަންދު ދުވަސްވަރަށްވެފައި، މި ދުވަސްވަރު ރަށުން ބޭރަށް ނުދެވޭ ދަަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
"ލިިޔުންތެރިޔާގެ އަޑުން ވާހަކަ އަޑު އެހުން" މި ޕްރޮގްރާމްއަކީ، ވާހަކަ ލިޔުނު ލިޔުންތެރިޔާގެ އަޑުން ކުދީންނަށް ވާހަކަ ކިޔައިދޭ ޕްރޮގްރާމްއެކެވެ. މިއަދު މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ ފާތިމަތު ޝެހެޒިނީއެވެ. ވާހަކަ ކިޔައިދީ ނިމުމުން ދަރިވަރުންނަށް ވާހަކަ ލިޔުނު ފަރާތާއި ސުވާލް ކުރުމުގެ ފުރުސަތުވެސްވަނީ ދީފައެވެ.

ފުވައްމުލަށް ސިޓީ ލައިބްރަރީން، ދަރިވަރުންގެ ގެއަށް ދައުވަތު ކާޑު ފޮނުވައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިމުމުން ބައިވެރީންނަށް ބެޖަކާއި ހަދިޔާއެއްވަނީ ސިޓީ ލައިބްރަރީން ދީފައެވެ. އެ ލައިބްރަަރީން ބުނީ މި ޕްރޮގްރާމް، ސިލްސިލާކޮށް އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެކަމަށެވެ. އެގޮތުން އަންނަ ހަފްތާގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ "ރީޑް ވިތް ޝަހޫ ދައްތަ" ގެ ނަމުގައެވެ. އަންނަ ހަފްތާގައި 6-10 އަހަރާ ދެމެދު ކުދީންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ޖެހިގެން އަންނަ ހަފްތާގައި ކުރިއަށް ގެންދާނީ 10-13 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.
advertisment
ހިޔާލު