ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އައްޑޫ ސިޓީ ކައުންސިލް އިދާރާ ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލާމަސީލު ޒުވާނާ" ކޭމްޕް ފަށައިފިއެވެ.
އުމުރުން 18 އަހަރުން މަތީގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޭމްޕަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަގުސަދުގައި ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ހިންގާ ކޭމްޕެކެވެ.
މި ކޭމްޕް ފަށާފައިވަނީ އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލްއެވެ. މިރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުލް ރަހުމާނާއި އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބައެއް އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާއި ކޭމްޕުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.
މި ކޭމްޕުގައި އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ އާއި އަލިފާނުގެ ހަދިސާތަކުގައި ޢަމަލުކުރަންވީ ގޮތްތަކާއި ސަވައިވަލް ޓެކްނިކްސް އާއި ރެޕަލިންގ އާއި ޑޮމެސްޓިކް ހައުސް ވަޔަރިންގއާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަރޝިޕްގެ ބައިތައް އުނގަންނައިދެވޭނެކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުންވެސް ނަފްސަށްކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުމުގެ އިތުރުންވެސް ތަފާތު ގިނަ ހަރަކާތްތަކާއި ބައިވެރިންނަށް މުހިންމު މަޢުލޫމާތު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.
ދެ ހަފްތާގެ މުއްދަތަށް އައްޑޫ ސިޓީ ހައި ސްކޫލުގައި ކުރިއަށްދާ މި ކޭމްޕުގައި ޖުމްލަ 91 ޒުވާނުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 43 އަންހެން އަދި 48 ފިރިހެން ބައިވެރިންނެވެ. މި ކޭމްޕް ފުރިހަމަކުރާ ބައިވެރިންނަށް ކޭމްޕް ފުރިހަމަކުރި ލިޔުމުގެ އިތުރުން ކޭމްޕުގެ ތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ފަޔަރ ސޭފްޓީ އާއި ބޭސިކް ހައުސް ވަޔަރިންގ އަދި ފަސްޓް އެއިޑް ފުރިހަމަ ކުރިކަމުގެ ލިޔުން ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޭމްޕު ފުރިހަމަކުރާ ބައިވެރިންނަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރިއަށް ގެންދާ އެޕަރެންޓިޝިޕް ޕްރޮގްރާމު ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
advertisment
ހިޔާލު