މިހާރުގެ ކަރިކިއުލަމަކީ، ދަރިވަރުންނަށް އުނގަންނައިދިނުމުގެ އިތުރުން، ދިރިއުޅުމަށް ބޭނުންވާ އަސާސީ ގިނަ ކަންތައްތައް ދަސްކޮށްދިނުމުގެ ބޭނުމުގައި ތައްޔާރުކުރެވިފައިވާ ކަރިކިއުލަމެކެވެ. މި ކަރިކިއުލަމަށް ރާއްޖޭގެ ހުރިހާ ސްކޫލުތަކުން އަމަލުކުރަމުންދާއިރު ކަރިކިއުލަމަށް ފައްތައިގެން ތަފާތު ހަރާކާތްތައް ސްކޫލުތަކުގައި ކުރިއަށް ގެންދެއެވެ. މިގޮތުން އއ.ހިމަންދޫ ސްކޫލުން، ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުމަށްޓަކައި ތަފާތު މަޤްޞަދުތަކަކާއެކު، ކޮންމެ އަހަރަކުވެސް ހަރަކާތެއް ބާއްވައެވެ. މިއަހަރުވެސް މިފަދަ ހަރާކަތެެއް ކުރިއަށް ގެންދިޔައިރު މި ހަރަކާތުގެ މަޤްޞަދަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުމަށްޓަކައި، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ދަސްކޮށްދިނުމެވެ.
ނިމިގެންދިޔަ ހަފްތާގައި ކުރިއަށްގެންދިޔަ މި ހަރަކާތް ބޭއްވިގެންދިޔައީ ކީ ސްޓޭޖް އެކަކުން ދޭއްގެ ދަރިވަރުންނަށެވެ. އެއީ ގްރޭޑް އެކެއް، ދޭއް، ތިނެއް، ހަތަރެއް، ފަހެއް އަދި ހައެއްގެ ދަރިވަރުންނެވެ.

ދިރިއުޅުމުގެ އަސާސީ ބޭނުންތައް އުނގެނުމުގެ ގޮތުން، ކީ ސްޓެޖް އެކެއް އަދި ދޭއްގެ ދަރިވަރުންނަށް ދަސްކޮށްދީފައިވަނީ ކާމޭޒުމައްޗާއި ކެއުން ތައްޔާރުކޮށް ސާރވްކުރުމަށެވެ. މި ދަރިވަރުން ސޭންޑްވިޗް ތައްޔަރުކޮށްފައިވާއިރު އެ ތައްޔާރުކޮށްފައިވަނީ ޓީޗަރުންގެ އެހީތެރިކަމާއެކުގައެވެ. ކެއުން ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ހަވާލުކޮށްދިނީ ސްކޫލުންނެވެ. ކެއުން ތައްޔާރުކުރުމަށްފަހު، އެ ދަރިވަރުން ވަނީ އެހެން މުދައްރިސުންނަށްވެސް ދަޢުވަތު އަރުވާ ކެއުން ބަހާފައެވެ.

ގްރޭޑް ތިނެއްގެ ދަރިވަރުންވެސް ތައްޔާރުކޮށްފައިވަނީ ސޭންޑްވިޗެވެ. ނަމަވެސް، ބޮޑަށް އެކުދިންނަށް ދަސްކޮށްދީފައިވަނީ އަމިއްލައަށް ކާ މޭޒުމަތި ރީތިކޮށް، ސާރވްކުރުން ފުރިހަމަކުރުމަށެވެ. މި ދަރިވަރުން ކެއުމަށް އިންސާފުކޮށްފައިވަނީ އެ ދަރިވަރުންގެ ބެލެނިވެރިންނާއެކުގައެވެ.

ކީ ސްޓޭޖް ދޭއްގެ ދަރިވަރުންގެ ތެރެއިން ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ކުރިއަށްގެންދެވުނީ ކުދިކުދި ފޮތި ދަބަސް ފެހުމާއި ނާޑުވާ އެއްސުމެވެ. ކޮންމެ ކުއްޖެއްވެސް، އެ ކުއްޖަކު ބޭނުން ގޮތަކަށް ދަބަހެއް ފަހާފައިވެއެވެ. އަދި ނާޑުވާ އެއްސުމަށް ދަސްކުރުމުގެ ގޮތުން، ބޯކަރުދާސް ކޮޅެއްގައި ލޯވަޅު އެޅުމަށްފަހު ނާޑުވާ އައްސާނެ ގޮތް ކިޔައިދީފައިވެއެވެ. މީގެ އިތުރުން، މި ގްރޭޑުގެ ދަރިވަރުންވެސް ސޭންޑްވިޗް ތައްޔާރުކޮށް ކާމޭޒުމަތި ރީތިކުރުމަށް ދަސްކޮށްފައިވެއެވެ.

ހުރިހާ ދަރިވަރުންވެސް ސޭންޑްވިޗް ތައްޔާރުކުރުމާއި ކާމޭޒު ރީތިކޮށްފައިވަނީ ގްރޫޕް މަސައްކަތްތައް ގޮތުގައެވެ.
މި ސްޓޭޖުގެ ގްރޭޑް ފަހެއްގެ ދަރިވަރުން ދަސްކޮށްފައިވަނީ ނަރު ގުޅުވުމަށާއި، ކަރަންޓު ވައިރުކުރުމަށާއި އަދި ގޭސް ފުޅި ގުޅުމަށެވެ. މީގެ އިތުރުން، ބެލެނިވެރިންނަށް ކެއުން ތައްޔާރުކޮށް، އެއަށްފަހު ތަށިތައް ދޮވުމުގެ ބައިވެސް ކުރިއަށްގެންގޮސްފައިވެއެވެ.

ކީ ސްޓޭޖް ދޭއްގެ, ގްރޭޑް ހައެއްގެ ދަރިވަރުންގެ ތެރެއިން، އަންހެން ކުދިން ފަންގި ވިޔުމަށް ދަސްކޮށްފައިވާއިރު، ފިރިހެން ކުދިން ދަސްކޮށްފައިވަނީ ޖޯލި ފަތި ހެދުމަށެވެ.

މި ހަރަކާތުގައި ޖުމްލަ 192 ދަރިވަރުން ބައިވެރި ވެފައިވާއިރު، މި ހަރަކާތްވެގެންދިޔައީ ވަރަށް ކާމިޔާބު ހަރަކާތަކަށެވެ. މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި އެ ސްކޫލުގެ ޓީޗަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ.
އއ.ހިމަންދޫގެ ޕްރިންސިޕަލް ޒީނިޔާ އަޙްމަދު ވިދާޅުވި ގޮތުގައި، ކޮންމެ އަހަރަކީވެސް މިފަދަ ޕްރޮގްރާމްތަކެއް ބޭއްވިގެންދާ އަހަރެކެވެ. މިގޮތުން މިދިޔަ އަހަރު ގެންދެވުނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ.
advertisment
ހިޔާލު