މާލެ ސިޓީކައުންސިލްގެ "ޕްލާސްޓިކާއި ދުރުވަމާ" ލޯގޯ ފަރުމާކުރުމުގެ މުބާރާތުގެ އެއްވަނަ ޖަމާލުއްދީން ސްކޫލުން ހޯދައިފިއެވެ.
މި މުބާރާތުގެ އެއް ވަނަ އެ ސްކޫލުން ހޯދީ ދެ އުމުރު ފުރައިން ވެސް އެއްވަނަ ހޯދައިގެންނެވެ. ހަ އަހަރާއި އެގާރަ އަހަރާ ދެމެދުގެ އުމުރު ފުރައިން އެއްވަނަ ހޯދީ އެ ސްކޫލްގެ އައިޝަތު ޔަލްވީ ބިންތް ޒިޔާދެވެ. 12 އަހަރާއި 17 އަހަރުގެ އުމުރު ފުރައިން އެއްވަނަ ހޯދީ ޖަމާލުއްދީން ސްކޫލްގެ ހަނާން މަޖީދުއެވެ. ހަ އަހަރާއި އެގާރަ އަހަރާ ދެމެދުގެ އުމުރު ފުރައިން ދެވަނަ ހޯދީ ހިރިޔާ ސްކޫލްގެ މަންހާ އިސްމާއިލް މުޚްުތަބާއެވެ. ތިން ވަނަ ހޯދީ މުޙްޔިއްދީން ސްކޫލްގެ މަޢާނީ ބިންތް ނާސިރެވެ. 12 އަހަރާއި 17 އަހަރުގެ އުމުރު ފުރައިން ދެވަނަ އިސްކަންދަރު ސްކޫލްގެ އުމަރު ބިން ފައިސަލް ހޯދިއިރު، ތިން ވަނަ ހޯދީ ސީއެޗްއެސްސީގެ އައިޝަތު ހަމްނާ ސައީދެވެ.
ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ޕްލާސްޓިކް މަދުކުރުމަށް ބާރުއެޅުމަށާއި ޕްލާސްޓިކްގެ ނުރައްކާ، ރާއްޖޭގެ ވަށައިގެންވާ ކަނޑުފަޅަށާއި، ވެށީގައިވާ އެންމެހައި ދިރުންތަކަށާއި، މި ޖަޒީރާ ރާއްޖޭގެ ދެމިއޮތުމަށް އޮތް މިންވަރު އަންގައިދީ، ހޭލުންތެރި ކުރުވުމުގެ މަޤްޞަދުގައި، ހިންގުނު މި މުބާރާތުގައި 140 އަށްވުރެ ގިނަ ކުރެހުން ބައިވެރިކޮށްފައިވެއެވެ. ދެ އުމުރުފުރައަކަށް ގެންދިޔަ މި މުބާރާތުގައި ބައިވެރިކުރި ލޯގޯތަކުގެ ތެރެއިން ވަނަތައް ހޮވާފައި ވަނީ ޖަޖުން ދީފައިވާ މާކްސް އާއި ސޯޝަލްމީޑިއާގައި އެންމެ ތަރުހީބު ލިބުނު ލޯގޯތަކަށް ބަލާފައެވެ.

"ޕްލާސްޓިކާއި ދުރުވަމާ" ޕްރޮގްރާމްގެ ޙަރަކާތްތަކުގައި ބޭނުންކުރުމަށްޓަކައި ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލެވުނު މުބާރާތުގައި ބައިވެރިވި ކުދިންގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް އައި ކުދިންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ އަދި ވައުޗަރ ހަވާލުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެވެ.
މި މުބާރާތުން ވަނަވަނަޔަށް ހޮވިފައިވާ ލޯގޯތައް ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ، މާލެ ސިޓީ ކައުންސިލްގެ ފަރާތުން ޕްލާސްޓިކާ ދުރުވުމުގެ ޝިއާރު ތަކާއެކު ހިންގާ ތަފާތު ހަރަކާތްތަކުގައެވެ.
advertisment
ހިޔާލު