މަހުން އަގު އެއްކުރި އުއްފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދިނުމަށް ދިވެހި މަސްވެރިން ޖަމިއްޔާއިން ގއ ގެމަނަފުށީގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ތަމްރީން ޕްރޮގްރާމްގައި ފަންނީ ގޮތުން އެއްބާރުލުން ދިނުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އާ ގުޅިގެން މަސައްކަތް ކުރުމަށް ދެފަރާތުގެ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ދިވެހި މަސްވެރިން ޖަމިއްޔާއާއި، ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން މި ޑިސެމްބަރު މަހުގެ 22-25 އަށް ގެމަނަފުށީގައި ކާބޯތަކެތި އުފެއްދުމަށް ދަސްކޮށްދޭ ކްލާސްތަކެއް ކުރިއަށްގެންދާއިރު މި ކްލާސްތައް ނަގައިދޭނީ މިފްކޯ މަސްކާރުޚާނާގައި މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކުރުމުގައި އިސްކޮށް އުޅުއްވާ ފަންނީ ބޭފުޅެކެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކޮށް ގިނަ ދުވަހު ގެންގުޅެވޭނެ އުކުޅުތަކާއި އަދި ވިޔަފާރި އުސޫލުން ގޭގައި އުފައްދާ ކާބޯތަކެތި ތައްޔާރުކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ދަސްކޮށްދެވޭނެއެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ބައިވެރިއަކަށް އިތުރު ތަމްރީނު ދިނުމުގެ ގޮތުން މިފްކޯގެ ކަނޑުއޮތް ގިރީގެ މަސްކާރުޚާނާގައި 2 ދުވަހުގެ ތަމްރީނު ދިނުމަށް ހަމަޖެހިފައިވާއިރު އެ ބައިވެރިއަކު އުފައްދާ ބާވަތެއް ބާޒާރަށް ނެރުމަށް ބޭނުންވާ ސާމާނު ހިލޭ ފޯރުކޮށްދީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އޯތެންޓިކް މޯލްޑިވްސް ފިހާރަތަކުގައި އެ އުފެއްދުމެއް ވިއްކޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމުގައި ދިވެހި މަސްވެރިން ޖަމިއްޔާއާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
advertisment
ހިޔާލު