ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް އެރި ބާރުގަދަ ތޫފާން "ރައ" ގެ ސަބަބުން އެ ޤައުމުގެ ސޭބޫ ސިޓީގައި ހާލުގައިޖެހިފައިތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
އެ ސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީއަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި، މުއާޞަލާތީ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ދަރިވަރުން ވަނީ ހާލުގައި ޖެހިފައެވެ.
އެހެންކަމުން އެ ދަރިވަރުން، އަސާސީ ޚިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށްޓަކައި، އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ނިންމަވާފައެވެ.
އަދި ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ޢިއާދަކޮށް ފެނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމުގެ މަޢުލޫމާތު ފިލިޕީންސްގެ އެމްބަސީން ދީފައިވާތީ، މި އެހީ ދިނުމަށް ސަރުކާރުން ނިންމާފައިވަނީ 1 މަސްދުވަހުގެ މުއްދަތަށްކަމަށްވެސް ސަރުކާރުން ބުނެއެވެ.
މިގޮތަށް ނިންމެވުމާ ގުޅިގެން، އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކަމާގުޅުން ހުރި އިދާރާތަކާއެކު ކުރަމުންގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު