ކަނޑުތަކަށް އެޅޭ ޕްލާސްޓިކް މަދުކުރުމަށް ޕާލޭއާއި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ " އެއަރޗެލަންޖް" ޕްރޮގްރާމުގެ ދެވަނަ ސީޒަނުގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުން ލައްކައަކަށްވުރެ ގިނަ ފުޅި އެއްކޮށްފިއެވެ. މިކަން ފާހަގަކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް އިއްޔެ ވަނީ ބާއްވާފައެވެ.
ޕްލާސްޓިކް ފުޅި އެއްކުރުމަށް އެ ސްކޫލުން ހުޅުވާލި ފުރުޞަތުގައި 112،812 ފުޅި،ދަރިވަރުންނާއި ސްޓާފުން އެ ސްކޫލާ ހަވާލުކޮށްފައި ވެއެވެ. މީގެ ތެރެއިން 108،708 ފުޅި އެއްކުރީ އަފީފުއްދީން ސްކޫލްގެ 71 ދަރިވަރުންނެވެ. މި ޗެލަންޖްގައި އެ ސްކޫލްގެ ތިން މުވައްޒަފަކު ބައިވެރިވެ،4،104 ފުޅި އެއްކުރިއެވެ.
އެއަރޗެލަންޖްގައި އެންމެ ގިނަ ފުޅި އެއްކޮށްގެން ގޯލްޑް މެޑަލް ހޯދީ އަފީފުއްދީން ސްކޫލްގެ ޒައިޝާ އިބްރާހިމެވެ. ޒައިޝާ ވަނީ 12،160 ހުސްފުޅި އެއްކޮށްފައެވެ. މުވައްޒަފުންގެ ތެރެއިން އެންމެ ގިނަ ހުސްފުޅި އެއްކުރީ ސަލްވާ ކަރީމެވެ. އެއީ 1،604 ފުޅިއެވެ.
އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ އެއަރޗެލަންޖްގެ ސަބަބުން ޕްލާސްޓިކަށް ނޫނެކޭ ބުނަން ދަރިވަރުންގެ ބައިވެރިވުން ލިބޭ ކަމަށާއި، ހުސްފުޅި އެއްކުރުމުގައި ބޮޑު ކާމިޔާބީއެއް ލިބެމުން އަންނަ ކަމަށެވެ.
" މި އޮތް ބޮޑު ރަށުން { ކުޅުދުއްފުށިން} ހުސްފުޅިއެއް ނުލިބެޔޭ ބުންޏަސް ދޮގަކަށް ނުވާނެ. އެކަން ރަށުގެ މީހުން އެބަ ފާހަގަކުރޭ. އެއީ ދަރިވަރުން މި ފެށި މަސައްކަތުގެ ނަތީޖާ" ނާސިހާ ވިދާޅުވިއެވެ.
ނާސިހާ ވިދާޅިވީ އަންނަ ރޯދައިގެ ކުރިން ވެސް ހުސްފުޅި އެއްކުރުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށާއި، ދަރިވަރުންނާއި ސްކޫލްގެ ސްޓާފުންގެ އިތުރުން ބެލެނިވެރިން އެ ޗެލަންޖްގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަފީފުއްދީން ސްކޫލުން ބުނީ އެ ސްކޫލުން އެއްކުރާ ފުޅި ޕާލޭއާ ހަވާލުކުރަން މާލެއަށް ފޮނުވުމުގައި އެ ޖަމިއްޔާތެ އިތުރުން އެރަށުގެ ކައުންސިލުގެ އެއްބާރުލުމާއި އެހީތެރިކަން އެ ސްކޫލަށް ލިބެމުންދާ ކަމަށެވެ.
އަފީފުއްދީން ސްކޫލުން ބުނީ، އެއަރޗެލަންޖްގައި ލޯ މެޑަލެއް ލިބެނީ 500 ފުޅިއަށްވުރެ ގިނައިން ހުސްފުޅި އެއްކުރުމުންނެވެ. 700 ފުޅި އެއްކޮށްގެން ރިހި މެޑަލް ލިބޭއިރު، ރަން މެޑަލް ލިބެނީ ހާހެންހާ ފުޅި އެއްކުރުމުންނެވެ.
advertisment
ހިޔާލު