މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި މާލެ އަތޮޅު ގުރައިދޫ ކައުންސިލް އިދާރާ ގުޅިގެން އެސްކޫލުގައި ދީނީ ނަސޭހަތް ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ދަންފަޅިތަކަކަށް ބަހާލައިގެންނެވެ.

ދަރިވަރުންނަށް ކުރިއަށް ގެންދެވުނު ސެޝަންގައި މައުލޫމާތު ދީފައިވަނީ ދަރިވަރުންގެ ހައްޤުތަކާއި ބެހޭ ގޮތުންނެވެ. އަންހެނުންނަށާއި ފިރިހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި ފިޤްޙް، ވުޟޫ، ހިނައިގަތުން، ތަޔައްމަމު، ހައިޟް، ނިފާސް، އިސްތިޚާރާ ނަމާދު، ރޯދަ، ޒަކާތް އަދި އަންހެނުންނާއި ފިރިހެނުންގެ ހައްގުތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އާއްމު ސެޝަންގައި މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފައެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވީ ޑރ އަބްދުއްސައްތާރު އަބްދުއްރަހުމާނެވެ. ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން މި ސެޝަންތަކުގައި އިސްކޮށް ހަރަކާތްތެރިވި އެ ސްކޫލްގެ ދެ ލީޑިންގ ޓީޗަރުންކަމުގައިވާ މަރިޔަމް ޝައުފާ އަދި ރިޒްމާ ހަސަން ވިދާޅުވީ މިފަދަ ސެޝަންތަކުގެ ސަބަބުން ދަރިވަރުންގެ އަޚްލާޤީ އަދި ސުލޫކީ މިންގަނޑުތަކަށް އެދެވޭ ބަދަލުތަކެއް އަންނަކަމަށެވެ. ހަމައެއާއިއެކު މިފަދަ ސެޝަންތައް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއީ ކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ސެޝަންތަކުގެ ތެރެއިން ބެލެނިވެރިންގެ ހިތުގައި އުފެދިފައިވާ ގިނަ ސުވާލުތަކަށް ޖަވާބު ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަާގައިވެސް ދަރިވަރުންނަށް މިފަދަ ދީނީ ނަސޭހަތް ދިނުމުގެ ޕޮރޮގްރާމްތައް ރާއްވަވާނެކަމަށް އެސުކޫލުން ވަނީ ބުނެފައެވެ.
advertisment
ހިޔާލު