ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާން ކުދިން ދުޅަހެޔޮ، ތަޢުލީމީ، އަދި ބާރުވެރި ބަޔަކަށް ހެދުމުގައި ޔުނިސެފްއިން ވޭތުވެދިޔަ އަހަރުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އެ އެޖެންސީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ހެނދުނު އަދި ވާޗުއަލްކޮށް މިއަދު ހެނދުނު ބޭއްވި "ރީއިމޭޖިން އޮޕޮޗުނިޓީސް ފޯ ޗިލްޑްރަން އިން ސައުތު އޭޝިއާ" އިވެންޓުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ދެކުނު އޭޝިޔާގައި ހުންނަ ޔުނިސެފްގެ ރީޖަނަލް އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި މި ހައި-ލެވެލް ހަރަކާތުގައި، މި ސަރަޙައްދުގެ ސަރުކާރުތަކުން ވީޑިއޯ މެސެޖްތައް ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގައި ޔުނިސެފްގެ ޗެމްޕިއަން ފޮރ ދަ ރައިޓްސް އޮފް ޗިލްޑްރަން އެންޑް ޔަންގް ޕީޕަލްގެ ހައިސިއްޔަތުން އެކަމަނާއަށް މެސެޖް ދެއްވާފައެވެ.
ޔުނިސެފުން ރާއްޖޭގައި އެންމެ ފުރަތަމަ މަސައްކަތް ކުރަން ފަށާފައިވަނީ މީގެ 43 ވަރަކަށް އަހަރު ކުރިންނެވެ. އޭގެފަހުންކަން ބަޔާން ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ރާއްޖެ މިވަނީ ވަރަށް ދިގު ރާސްތާއެއް ކަޑައްތުކޮށްފައި ކަމަށެވެ.
އެކަމަނާ ވިދާޅުވީ ސައްތައިން ސައްތަ ކުދިން ޕްރައިމަރީ ތައުލީމުގެ ތެރެއަށް ވެއްދޭ ވެއްދޭ ކަމަށާއި، ޅަފަތުގައި މަރުވާ ކުދިންގެ އަދަދު ހާހަކުން 7.6 އަށް ދަށްކުރެވިފައިވާ ކަމަށެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެކަމަނާ ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު 2019 ވަނަ އަހަރު ތަޞްދީޤުކުރެއްވުމާ ގުޅިގެން، ކުޑަކުދިންނަށް އަޑުއިއްވައި، އެކުދިންނަށް އަސަރުކުރާ ފަދަ ނިންމުންތައް ނިންމުމުގައި ބައިވެރިވުމަށް ރައްކާތެރި ޕްލެޓްފޯމެއް އެކަށައެކަށައެޅަން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިންނަށް މަރުގެ އަދަބު ދިނުން މަނާކުރެވިފައިވާ ކަމަށާއި، ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމާއި، ކުޑަކުދިންނާ ކައިވެނިކުރުން ވެސް މަނާކުރެވިފައިވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. 2020 ވަނަ އަހަރު އަމަލުކުރަން ފެށި ތަޢުލީމާބެހޭ ޤާނޫނުގައި، އެންމެން ޝާމިލުވާ ތަޢުލީމެއްގެ މުހިންމުކަން އެ ކަމަނާ ވަނީ ފާހަގަކުރެއްވިއެވެ.
ޔުނިސެފްގެ އިންޓަރވެންޝަންގެ ސަބަބުން ރާއްޖެ މިއަދު މިއޮތް ހިސާބަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ބަޔަކީ ޔުނިސެފްކަމަށްވާއިރު، މިކަމުގައި އިތުރަށް ކުރަންޖެހޭ ކަންކަން އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ.
" ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކޮވިޑުގެ ސަބަބުން އެތައް މިލިއަން ކުޑަކުދިންނެއްގެ ސިއްހީ ހިދުމަތްތަކާއި ތައުލީމުގެ ހައްގުތަކުން މަހްރޫމް ވަމުން އެބަދޭ،" އެކަމަނާ ފާހަގަކުރެއްވި އެވެ.
"މިހާރުން މިހާރަށް ވެސް އަދި ފުރިހަމަ އަށް މި މައްސަލަތަކަށް ހައްލު ހޯދައި، ކޮންމެ ކުއްޖަކަށް ވެސް އެކަށީގެންވާ ސިއްހީ ފަރުވާ އާއި ވެކްސިން އަދި ތައުލީމު ލިބޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭ."
އަދި އެއީ އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންވެސް، ޙަޤީޤަތުގައި ޢަމަލުކުރުމުގެ ނަތީޖާ ނުވަތަ ފަރުވާކުޑަކަމުގެ ނަތީޖާ، ޙަޤީޤަތުގައި ވެސް ދިރިހުންނާނެ ކަމެއް ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.
" މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ މަސައްކަތްތަކަށާއި، އެނޫންވެސް ސީދާ ގޮތުން ކުރިމަތިވާ މައްސަލަތަކަށް އިޖާބަދިނުމުގައި، އެމީހުންގެ އަޑު އިއްވައި، ތަމްސީލުކުރެވޭކަން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭނެ." ވީޑިއޯ މެސެޖްގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލެއްވީ ޔުނިސެފްގެ 75 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވަމުންނެވެ.
advertisment
ހިޔާލު