މާއިޒުގެ ވާހަކަތަކުން އެތައް ބަޔަކަށް ހިމޭންކަން

މާއިޒު ރޭގެ ހަފުލާގައި ވާހަކަ ދައްކަނީ- އޭނާގެ ވާހަކަތަކުން އެތައް ބައެއްގެ ހިތަށް އަސަރުކުރި- ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ރިވެލި އެވޯޑް ދިނުމުގެ ހަފުލާގައި އެ އެވޯޑް ލިބުނު އިހަވަންދޫ ސްކޫލްގެ ޑައިމަންޑް ކުލާހުގެ މުޙައްމަދު މާއިޒުގެ ވާހަކަތަކުން އެތައް ބަޔަކަށް ހިމޭންކަން ގެނުވައިފިއެވެ.

ތައުލީމީ ދާއިރާއިން ރިވެލި ތަރީގެ އެވޯޑް ލިބުނު މާއިޒު، ރޭގެ ހަފްލާގައި ދެއްކި ނުކުޅެދުންތެރިކަން ތަހައްމަލް ކުރަމުންދާ ފަރާތްތަކުގެ އިހުސާސްތައް ބަންޑުން ކޮށްލުމުން އޭނާއަށް ތައުރީފުކޮށް، އެ ހަފުލާގައި އިންނެވި ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ފޭސްބުކުގައި ލިއުއްވާފައިވެއެވެ. " ފަހަކަށްއައިސް އަޅުގަނޑަށް އަޑުއިވިގެންދިޔަ އެންމެ ވަރުގަދަ ތަޤްރީރެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޝާމިލުވުމުގެ މާނައަކީ މިއީއެވެ.  އަޅުގަނޑު އުންމީދު ކުރަން، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، އެސްއޯއީތަކާއި، ހުރިހާ ބޭފުޅުންވެސް، ތިޔަބޭފުޅުންގެ ވަގުތުގެ 10 މިނިޓް މުޙައްމަދު މާއިޒްގެ އިޙްސާސްތައް އަޑުއައްސަވަން ނަންގަވާނެ ކަމަށް" ފަޒޫ އިތުރަށް ވިދާޅުވެފައި ވަނީ ކުރަންވީ ކަންތައްތަކުގެ ޗެކްލިސްޓެއް އިތުރަށް ބަލަން ވެސް ނުޖެހޭ ކަމަށެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިނދެގެން ، މުޅި ރާއްޖެއަށް ލައިވް ކުރަމުން ދިޔަ އެހަފްލާގައި މާއިޒު ބުނީ ރެއަކީ އޭނާގެ ޙަޔާތުގައި ވަރަށް އުފާވެރި ރެއެއް ކަމަށެވެ. އެއީ ޝަރަފުވެރި އެވޯޑެއް ލިބުމުން ކަމަށެވެ.

މާއިޒު ބުނީ، ލޯތްބާއި އެހީތެރިކަމަކީ ކޮންމެ އިންސާނަކަށް ބޭނުންވާނެ އެއްޗެއް ކަމަށާއި، އެއީ ދިރިއުޅުމުގައި ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި ލޯތްބާއި އެހީތެރިކަމާ ނުލައި އިންސާނަކަށް ނޫޅެވޭނެ ކަމަށެވެ.

" އެންމެ މުހިންމު އެއްޗަކީ ލޯތްބާއި އެހީތެރިކަމާ އަޅާލުމާއި މީހުންގެ އިހުތިރާމް" މާއިޒު ބުންޏެވެ.

މާއިޒު ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ތައުލީމް ބޭނުންވާ ކަމަށާއި، ސްކޫލަށް ދިއުމުގައި ހަނިފުރުޞަތެއްގެ ތެރެއިން އެކަން މަގުފަހިވެފައިވާ ކަމަށެވެ.

މާއިޒުގެ ކަންބޮޑުވުމަކީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާއިރު، އެހެން މީހުންނެކޭ އެއްގޮތަށް މިސްކިތައް ގޮސް ނަމާދު ނުކުރެވުމެވެ.

މިސްކިތަށް ގޮސް ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އޭނާ ވަނީ އެންމެންގެ ފަރާތުން އެދިފައެވެ.

" އުއްމީދަކީ އެދުމަކީ އަޅުގަނޑުމެންނަށް ފުރުޞަތުތައް ލިބުން. މިސްކިތަށް ގޮސް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސައި ދިނުން" މާއިޒު އޭނާގެ ހިތުގެ ޝުޢޫރު ފާޅުކުރިއެވެ.

މާއިޒު ބުނީ މާދަމާ ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި، ކޮންމެ މީހަކުވެސް އޭނާ ފަދަ ފުރޮޅުލީ ގޮނޑިއެއްގައި އިށީންނަންޖެހިދާނެ ކަމަށެވެ. އޭރުން އެފަދަ ގޮނޑިއެއްގައި އިންނަންޖެހޭ މީހަކަށް ކުރެވޭ އިހުސާސްތައް ކުރެވޭނެ ކަމަށެވެ. އެހެންވެ އޭނާ އެދުނީ އެފަދަ ދުވަހަކާ ކުރިމަތި ވުމުގެ ކުރިން އޭނާފަދަ އެފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަމާއި ކުލުނާއި ލޯބި ދިނުމަށެވެ.

" ތިޔަ ބޭފުޅުންނަށް ފުރުޞަތުތަކެއް މާތްﷲ ވަނީ ދެއްވާފައި. އެފުރުޞަތުގެ ބޭނުން މިހާރު ހިފައިފިނަމަ ފުރޮޅުލީ ގޮނޑިއެއްގައި އިންނަންޖެހޭ ދުވަހު، އަޅާލުމާއި ލޯބި ލިބޭނެ" މާއިޒް ބުންޏެވެ.

މާއިޒު ވަނީ އޭނާގެ މަންމައާއި ބައްޕަ ކޮށްދޭ ކަންތައްތައް ފާހަގަކޮށް އެ މީހުންނަށް ހިތުގެ ލޯތްބާއެކު ޝުކުރު އަދާކޮށްފައެވެ.

" މަންމައާއި ބައްޕަމެން އަޅުގަނޑުމެންނަށްޓަކައި ވާ ބޮޑު ގުރުބާނީއަށް، ބަދަލެއް، އަގެއް، އަދައެއް ނުކުރެވޭނެ." ފެންކަޅިވެ އިނދެ މާއިޒު ބުންޏެވެ.

މާއިޒުގެ ވާހަކަތައް އަޑުއެހި އެންމެންގެ ފަރާތުން ލިބުނީ ތައުރީފާއި ހެޔޮ ދުޢާއެވެ. ހަފްލާގައި ބައިވެރިވި އެންމެން ތިބީ ހަމަހިމޭން ކަމާއެކު އޭނާގެ ވާހަކަ އަޑުއަހާށެވެ. ފޯރިއާއެކު ކިތަންމެ އުނދަގުލުން ނަމަވެސް ހާމަކޮށް މުޅިރާއްޖެއަށް އިއްވީ އޭނާފަދަ އެތައް ކުދިންނެއްގެ އިޙުސާސެވެ.

މާއިޒު ވަނީ އޭނާއަށް އެހީތެރިކަމާއި އަޅާލުމާއި ހެޔޮދުޢާކޮށްދޭ ހުރިހާ ފަރާތްތަކަށް ޖުމްލަ ގޮތެއްގައި ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *